Last Updated: May 9, 02:20
Wednesday, May 8, 2024
ޚަބަރު

އަމީނީ މަގުން ގަސް ކެނޑުމުގެ މައްސަލަ އަނބުރާ ނަގައިފި

ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: ރައީސް އޮފީސް

އަމީނީ މަގުގައި ތާރު އެޅުމަށް އެމަގުގައި ހުރި ގަސްތައް ކަނޑާތީ އެކަން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފި އެވެ.

ނަޝީދުގެ ފަރާތްޕުޅުން އެ މައްސަލަ ކޯޓަށް ހުށަހެޅި ޝުނާނާ އެންޑް ކޯ ލޯ ފާމުންނެވެ. އެ މައްސަލާގައި ވަނީ އަމީނީމަގުގައި ހުރި ގަސްތައް އުފުރަމުންދިއުން ވަގުތުން ހުއްޓުމަށް ވަގުތީ އަމުރެއް ނެރެދޭން ވެސް އެދިފަ އެވެ. ނަމަވެސް އެފަދަ އަމުރެއް ކޯޓުން ނެރެދީފައެއް ނުވެ އެވެ.

ސިވިލް ކޯޓުން މިއަދު އެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައިވަނީ އެ މައްސަލަ އަނބުރާ ގެންދަން ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅީ މިދިޔަ މަހުގެ 15 ގައި ކަމަށެވެ. މައްސަލަ އަނބުރާ ގެންދިޔުމުގެ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ މި މައްސަލައިގައި ވަގުތީ އަމުރާ މެދު ގޮތެއް ނިންމި އިރު މައްސަލައިގެ މައުޟޫއަށް ގޮތެއް ކަނޑައަޅާފައިވާ ކަމަށް ގަބޫލުކުރެވޭތީ މި މައްސަލަ މިހާރު އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާތީ ކަމަށެވެ.

އަމީނީމަގު ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ހަވާލު ކުރީ އާރްޑީސީއާ އެވެ.

ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ކުރާއިރު، އެ މަގުގައި ހުރި ގަސްތައް ނެގުމުން ގިނަ ބަޔަކު ވަނީ އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ. އާރްޑީސީން ވަނީ ގަސްތައް ކެނޑި ނަމަވެސް އަލުން ގަސްތައް އިންދާނެ ކަމަށް ބުނެފަ އެވެ.

އަމީނީމަގު ތަރައްގީ ކުރުމުގެ މަސައްކަތަށް އެ މަގުގައި ހުރި ބޮޑެތި ގަސްތައް ކަނޑަމުންދާ މައްސަލަ މަޖިލީހަށްވެސް ހުށަހެޅި އެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.