Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ކައިޒީން، ބައްޕަ ގޮވައިގެން ހައި ކޯޓަށް

މަޝްހޫރު މޮޑެލް، ފާތިމަތު ޒަޔާން (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ބޯޓެއްގެ މައްސަލައިގައި ކުރި ދައުވާގައި އެދުނު ގޮތަށް ސިވިލް ކޯޓުން އަމުރެއް ނުލިބުމުން އެ މައްސަލަ ކައިޒީން ހައިކޯޓަށް ހުށަހަޅައިފި އެވެ.

ބައްޕައާ ދެކޮޅަށް ކައިޒީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ ބޯޓެއް ގަތުމަށް އޭނާގެ ބައްޕައަށް 3،600،000 ރުފިޔާ ހަވާލު ކުރުމުން އެ ބޯޓު ގަނެ، ބައްޕަގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާތީ ބޯޓުގެ މިލްކުވެރި ފަރާތަކީ ކައިޒީން ކަމާއި ބޯޓު އޭނާގެ ނަން މައްޗަށް ރަޖިސްޓްރީ ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް އަމުރު ކޮށްދީ، ބޯޓުގައިވާ ހުރިހާ ތަކެއްޗާއެކު، ތިން ދުވަހުގެ ތެރޭގައި ބޯޓު ހަވާލުކޮށްދޭން އަމުރެއް ނެރެދިނުމަށެވެ.

ނަމަވެސް ސިވިލް ކޯޓުން ވަނީ ކައިޒީން ނެރެދިނުމަށް އެދިފައިވާ ކޯޓު އަމުރުގައިވާ ކަންކަމަކީ މި ދައުވާގެ މައުޟޫއާ މެދު ގޮތެއް ނިމިގެންދާނެ ކަމެއް ކަމަށާއި ނެރެދިނުމަށް އެދިފައިވާ ކޯޓް އަމުރާމެދު ގޮތެއް ނިމިގެންދާނެތީ ކޯޓް އަމުރު ނެރެދޭން ޖެހޭ ތަނެއް މިވަގުތަށް ނެތް ކަަމަށް ކަނޑައަޅާފަ އެވެ.

އެ އަމުރު ނުލިބުމުން ކައިޒީން މިއަދު ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

މި މައްސަލައިގައި މީގެ ކުރިން ސިވިލް ކޯޓުން ވަނީ އެ މައްސަލަ ނިމެންދެން، ބޯޓުގެ މިލްކުވެރިކަން ބަދަލު ނުކުރުމަށާއި އަދި ކުއްޔަށް ދިނުން ފަދަ އެއްވެސް ކަމެއް ނުކުރަން ކައިޒީންގެ ބައްޕަ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް އަމުރެއް ނެރެފަ އެވެ. އެ ކޯޓުގެ އަމުރުގައި ވަނީ ބޯޓު ގަތުމަށް ފައިސާ ދިނީ ކައިޒީން ކަން ސާބިތުކުރަން ހެކިތަކެއް ހުށަހަޅާފައިވާ ކަމަށާއި އެކަމަށް ފައިސާ ދިނީ ކައިޒީން ކަމާ މެދު އޭނާގެ ބައްޕަ އިންކާރު ކޮށްފައި ނުވާ ކަމަށް ބުނެފަ އެވެ.