Last Updated: April 19, 22:45
Saturday, April 20, 2024
މުނިފޫހިފިލުވުން

ޝާހްރުކްގެ ހިތްގައިމު އާއިލީ ފޮޓޯއެއް

ބޮލީވުޑްގެ ތަރި ޝާހްރުކް ޚާން އާއިލާއާ އެކީ ފެންނަ ހިތްގައިމު ފޮޓޯއެއް އަންހެނުން ގޯރީ ޚާން އާންމުކޮށްފި އެވެ.

އޭނަގެ އިންސްޓަގްރާމްގައި މިއަދު ޕޯސްޓްކުރި ފޮޓޯގައި ފެންނަނީ ދެމަފިރިންނާއި އެ މީހުންގެ ތިން ކުދިންނެވެ. އެއީ އަރިއަން ޚާނާއި ސުހާނާ ޚާންގެ އިތުރުން އަބްރަމް އެވެ. މި ފޮޓޯ ޕޯސްޓްކޮށް ގޯރީ ބުނީ ގެއެއް ގެއަކަށް ވަނީ އާއިލާއަކާ އެކީގައި ކަމަށާއި ޕެންގްއުއިންގެ ތައްގަނޑުގައި ނެރޭ އޭނަގެ އިންޓީރިއާ ޑިޒައިން ފޮތް "މައި ލައިފް އިން ޑިޒައިން" ގައި އާއިލީ ވާހަކަތައް ހިމެނޭކަމުގެ އިޝާރާތެއް ފޮޓޯއާ އެކީ ދީފަ އެވެ. މި އާއިލާ އަކީ ބޮލީވުޑްގެ ނަމޫނާ އާއިލާއެކެވެ.

މިދިޔަ އަހަރު ޝާހްރުކްގެ ތިން ދަރިން އެކީގައި ފެންނަ ފޮޓޯތަކެއް އަރިއަން އާއި ސުހާނާގެ އިންސްޓަގްރާމްގައި ވެސް ޕޯސްޓްކުރި އެވެ.

ސުހާނާ، 22، މިހާރު އަންނަނީ ޒޯޔާ އަޚްތަރު ނެޓްފްލިކްސްއާ ގުޅިގެން ހެދި ފިލްމު "ދި އާޗީސް" އިން ބޮލީވުޑްގެ ބޮޑު ފެނިލުމަށް ތައްޔާރުވަމުންނެވެ. އަރިއަން، 25، މިހާރު އަންނަނީ އޭނަ ލިޔުނު ސްކްރިޕްޓަކަށް ވެބް ސީރީޒެއް ހެދުމުގެ މަސައްކަތްކުރަމުންނެވެ.

ޝާހްރުކްގެ އެންމެ ފަހުގެ ފިލްމަކީ ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި ޖެނުއަރީގައި ރިލީޒްކުރި "ޕަތާން" އެވެ. މި އަހަރަށް އަދި އޭނަގެ ދެ ފިލްމެއް އެބަ އޮތެވެ. އެއީ "ޖަވާން" އާއި "ދުންކީ" އެވެ.