Last Updated: March 28, 21:55
Thursday, March 28, 2024
މުނިފޫހިފިލުވުން

ގޯވިންދާ މިހާރު ނުފެނުމަކީ ދެރައެއް: ސުނިލް

ގޯވިންދާ މިހާރު ފިލްމުތަކުން ނުފެނުމަކީ ވަރަށް ބޮޑު ދެރައެއް ކަަމަށާއި ގިނަ ބަޔަކު އޭނަ މަތިން ވަރަށް މިސްވާ ކަމަށް އެކްޓަރު ސުނިލް ޝެޓީ ބުނެފި އެވެ.

"ދަޅުކަން" ފަދަ ކާމިޔާބު ފިލްމުތަކެއް ކުޅުނު އެކްޓަރު އީ-ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ އެކަމާ ހެދި އޭނަ ހުންނަނީ ގޯވިންދާއާ މެދު މިހާރު ހިތްހަމަވެސް ނުޖެހިފައި ކަމަށެވެ. ގޯވިންދާ އާއި ސުނިލް އެކީގައި ފިލްމެއް ވެސް ކުޅުނު އެވެ. އެއީ 2011 ގެ "ލޫޓް" އެވެ.

"އަސްލު މިހާރު ސްކްރީނުން ގޯވިންދާ ވަރަށް މިސްވޭ. އޭނަގެ އެއްވެސް މަސައްކަތް ނުފެނުމަކީ ވަރަށް ދެރަވާ ކަމެއް. އެކަމާ އަހަރެން އެހާ ހިތްހަމައެއް ވެސް ނުޖެހޭ." ސުނިލް ބުންޏެވެ.

ބޮލީވުޑްގައި ވަރުގަދަ އެކްޝަން ހީރޯއެއްގެ ގޮތުގައި ލޭބަލް ކުރެވުނު އެކްޓަރު ބުނި ގޮތުގައި ގޯވިންދާ އަކީ އަބަދު ވެސް އޭނަގެ ފެނިލުންތަކުން ބެލުންތެރިންގެ ހިތްތައް ފަތަހަކޮށްލާ އެކްޓަރެކެވެ. އަދި ގޯވިންދާ އަކީ އާންމުން މުނިފޫހި ފިލުވައި ދިނުމުގައި ނަމޫނާ ދެއްކި އެކްޓަރެއް ކަމަށް ވެސް ސުނިލް ބުންޏެވެ.

"އެ ހެޔޮ ނެށުމުގެ އެންމެ ސްޓެޕަކުން ކަމަޑް ވިޔަސް. ގޯވިންދާ އަކީ ހަމަ ދެވަނައެއް ނެތް ފަދަ އެކްޓަރެއް،" އޭނަ ބުންޏެވެ. "އަހަރެމެން އެންމެން ހަމަ ހަގީގަތުގައި އޭނަ ވަރަށް ބޮޑަށް މިސްވޭ މިހާރު. އެހެންވެ ގޯވިންދާ އެބަޖެހޭ އެނބުރި ފިލްމީ މަސައްކަތްތަކަށް އަންނަން."

އަށްޑިހައިގެ ތެރޭގައި ފިލްމީ ދާއިރާ އަށް ނުކުމެ 90 ގެ ތެރޭގައި އެންމެ ވިދި އެކްޓަރުންގެ ތެރޭގައި ހިމެނޭ ގޯވިންދާ، 59، ގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ރަންގީލާ ރާޖާ" އެވެ. އޭނަ އަށް މިހާރު ބޮލީވުޑުން ފުރުސަތުތައް ލިބުން ހުއްޓިފައިވާތީ، ގޯވިންދާ ހުންނަނީ އިންޑަސްޓްރީގެ ބައެއް މީހުން ދެކެ ހިތްހަމަނުޖެހިފަ އެވެ.

ގޯވިންދާ އަކީ މިހާރުގެ މަޝްހޫރު އެކްޓަރު ވަރޫން ދަވަންގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓްކުރި ކާމިޔާބު 17 ފިލްމެއް ވެސް ކުޅުނު އެކްޓަރެކެވެ. އޭގެ ތެރޭގައި "ހީރޯ ނަމްބަރު 1"، "ރާބޖާ ބާބޫ"، "ކޫލީ ނަމްބަރު 1" އަދި "ޕާޓްނާ" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ. ގޯވިންދާ ފާހަގަކުރެވުނީ ކޮމެޑީ ރޯލުތަކާއި ނެށުމަށް ވަރަށް މޮޅު އެކްޓަރެއްގެ ގޮތުގަ އެވެ.