Last Updated: April 25, 12:03
Thursday, April 25, 2024
މުނިފޫހިފިލުވުން

ޒައިދު އެނބުރި އަންނަން ތައްޔާރު

މިހާރު ބޮލީވުޑުން ގެއްލިފައިވާ އެކްޓަރު ޒައިދު ޚާންގެ ފިލްމެއް ވަރަށް އަވަހަށް އަންނަން އުޅޭ ކަމަށް ބުނެފި އެވެ.

މިކަން އިންސްޓަގްރާމްގައި ހިއްސާކޮށް 42 އަހަރުގެ އެކްޓަރު ބުނީ އޭނަ ފިލްމީ ދާއިރާ އަށް ނުކުތްތާ 20 އަހަރުވެއްޖެ ކަމަށާއި ބެލުންތެރިން ދިން ލޯތްބާއި ސަޕޯޓާ އެކީ އަނެއްކާ ވެސް އެނބުރި އަންނަން ތައްޔާރުވެފައިވާ ކަމަށެވެ.

"އަހަރެންގެ ފިލްމެއް ވަރަށް އަވަހަށް ބެލުންތެރިންނާ ހަމައަށް އަންނާނެ. އޭގެ ވާހަކަ ހިއްސާކުރަން ވަރަށް ކެތްމަދުވެފައި މި ހުރީ." ޒައިދު ބުންޏެވެ.

ޒައިދަކީ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަންގެ ކުރީގެ އަންހެނުން ސުޒާން ޚާންގެ ކޮއްކޮއެކެވެ. އޭނަ ބޮލީވުޑަށް ނުކުތީ، މާ ބޮޑު ކުރިއެރުމެއް ނުލިބި ބޮލީވުޑުން ގެއްލިފައިވާ ބަތަލާ އީޝާ ޑިއޯލްއާ އެކީ ކުޅުނު 2003 ގެ "ޗުރާ ލިޔާ ހެ ތުމްނޭ" އިންނެވެ. އޭގެ ފަހުން ޒައިދު ކުޅުނު އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ ޝާހްރުކް ޚާންގެ 2004 ގެ "މޭ ހޫ ނާ" އެވެ.

ޒައިދުގެ އެންމެ ފަހުގެ ފިލްމަކީ 2015 ގެ "ޝަރާފަތު ގަޔީ ތޭލް ލޭނޭ" އެވެ. އޭނަ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ބްލޫ"، "އަންޖާނާ އަންޖާނީ"، "ޝަބްދު"، "ދަސް" އަދި "ޔުވްރާޖް" ހިމެނެ އެވެ.

ފިލްމުތަކުން ފުރުސަތު ލިބުމުން ހުއްޓުނު ފަހުން ޒައިދު ޓީވީ ސިލްސިލާއެއް ވެސް ކުޅުނެވެ. އެއީ 2017-2018 އަށް ސޮނީ ޓީވީން ގެނެސްދިން "ހާސިލް" އެވެ.