Last Updated: April 26, 18:07
Friday, April 26, 2024
މުނިފޫހިފިލުވުން

ޕޫޖާ ކޮވިޑަށް ފަރުވާ ހޯދަނީ

ބޮލީވުޑްގެ ބަތަލާ ޕޫޖާ ބަޓަށް ކޮވިޑް ޖެހިގެން ފަރުވާ ހޯދަން ފަށައިފި އެވެ.

މަޝްހޫރު ބަތަލާ އާލިއާ ބަޓްގެ އެއްބަފާ ދައްތަ ކުރި ޓްވީޓެއްގައި ބުނީ މީގެ ތިން އަހަރު ކުރިން މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި ބަލި، އޭނަ އަށް އަލަށް ޖެހިފައިވާ ކަމަށެވެ. ޕޫޖާ ބުނީ ކޮވިޑްގެ ބިރު އަދިވެސް ދުނިޔެއިން ނުފިލާ ކަމަށާއި އެހެންވެ އަދިވެސް މާސްކް އެޅުން ފަދަ ކަންކަން ވެސް ކުރަން ޖެހޭ ކަމަށެވެ.

މިދިޔަ ހަފުތާގައި އެކްޓަރު އަނޫޕަމް ކޭރްގެ އަންހެނުން ބަތަލާ ކިރަން ކޭރަށް ވެސް ކޮވިޑް ޖެހިފައިވެ އެވެ.

މި ބަލި ދުނިޔޭގައި އެންމެ ބޮޑަށް ގޯސްވި ދުވަސްވަރު 2020 ގެ ތެރޭގައި ބޮލީވުޑްގެ ވަރަށް ފަންނާނުންތަކަކަށް ކޮވިޑް ޖެހިފައިވެ އެވެ. އަދި ކޮވިޑާ ޖެހިގެން ބައެއް ފަންނާނުން މަރު ވެސް ވެފައިވެ އެވެ.

ނުވަދިހައިގެ ތެރޭގައި ބޮލީވުޑްގައި ވިދި ޕޫޖާ، 51، ގެ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ސަނީ ޑިއޯލްގެ "ޗުޕް: ރިވެންޖް އޮފް ދި އާޓިސްޓް" އިންނެވެ.