Last Updated: April 26, 15:47
Friday, April 26, 2024
މުނިފޫހިފިލުވުން

ސަލްމާނަށް އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި

ބޮލީވުޑްގެ ތަރި ސަލްމާން ޚާނަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން އީ މެއިލް މެދުވެރިކޮށް މަރުގެ އިންޒާރުދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

މުމްބާއީގެ ފުލުހުންނަށް އެ މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ޖޯދުޕޫރުން އިއްޔެ ހައްޔަރުކޮށްފައި ވަނީ ދާކަޅް ރާމް ބިޝްނޯއީ ކިޔާ 21 އަހަރުގެ މީހެކެވެ. ފުލުހުން ބުނީ އޭނަ އަކީ މިދިޔަ އަހަރު ސަލްމާނާއި އޭނަގެ ބައްޕަ ސަލީމް ޚާނަށް އިންޒާރު ދިން ގޭންގްސްޓަރުން ކަމަށްވާ ލޯރެންސް ބިޝްނޯއީ އާއި ގޯލްޑީ ބްރާރްގެ އިތުރުން ރޯހިތު ގަރްގްއާ ގުޅުން އޮތް މީހެއް ކަމަށެވެ.

ދާކަޅް ހައްޔަރުކޮށް ސަލްމާނަށް އިންޒާރު ދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އަދި އެކަމާ ގުޅުން ހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތް ވެސް ހުއްޓާ ނުލައި ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުންޏެވެ.

އީ މެއިލުން ސަލްމާނަށް ދިން މަރުގެ އިންޒާރުތަކާ ގުޅިގެން މުމްބާއީ ފުލުހުން އޭނަގެ ސެކިއުރިޓީ ވެސް ވަރުގަދަކޮށް، ފޭނުން ސަލްމާންގެ ގެލެކްސީ އެޕާޓްމަންޓް ކައިރި އަށް ޖަމާވުން ވެސް ހުއްޓުވާފައިވެ އެވެ. ސަލްމާނަށް ތަކުރާރުކޮށް މަރުގެ އިންޒާރު ލިބޭތީ އަމިއްލަ ހަށިރައްކަލަށް ބަޑިއެއް ގެންގުޅުމުގެ ހުއްދަ އަށް މިދިޔަ އަހަރު އެދުމުން އެ ހުއްދަ އޭނަ އަށް ދީފައިވެ އެވެ. އަދި ސަލްމާން މިހާރު ބޭނުން ކުރަނީ ވެސް ބްލެޓް ޕްރޫފް ކާރެކެވެ.