Last Updated: March 29, 17:30
Friday, March 29, 2024
މުނިފޫހިފިލުވުން

ޗަރަންގެ އާ ފިލްމަކީ "ގޭމް ޗޭންޖާ"

"ގޭމް ޗޭންޖާ" ގެޝޫޓިންގެ ތެރެއިން.

މިދިޔަ އަހަރުގެ އިންޑިއާގެ އެންމެ ބޮޑު ހިޓް ކަމަށްވާ "އާރްއާރްއާރް" ގެ އެކްޓަރު ރާމް ޗަރަންގެ އާ ފިލްމުގެ ނަމާ އެކީ ފިލްމުގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.

މިއަދު ފާހަގަކުރާ ޗަރަންގެ 38 ވަނަ އުފަން ދުވަހާ ދިމާކޮށް ފިލްމުގައި އޭނަ ފެންނާނެ ގޮތުގެ ފަސްޓްލުކް ޕޯސްޓަރެއްގެ އިތުރުން މޯޝަން ޕޯސްޓަރެއް ވެސް ދައްކާލައި، ފިލްމުގެ ނަމަކީ "ގޭމް ޗޭންޖާ" ކަން އިއުލާންކޮށްފައިވެ އެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ވަރުގަދަ އެތައް ފިލްމެއް ގެނެސްދީފައިވާ އެސް ޝަންކަރެވެ.

އޭނަ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި "ރޮބޮޓް" އާއި އޭގެ ސީކްއެލް "2.0" އާއި "ނަޔަކް" އަދި "އިންޑިއަން" ހިމެނެ އެވެ.

ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ "ގޭމް ޗޭންޖާ" އަކީ ޕޮލިޓިކަލް އެކްޝަން ތުރިލާއެކެވެ. މި ފިލްމުގެ ބަތަލާ އަކީ ބޮލީވުޑްގައި މިހާރު ފިޔަ ޖަހަމުން އަންނަ ކިއާރާ އަދުވާނީ އެވެ. އޭނަ އަކީ އެކްޓަރު ސިދާތު މަލްއުތުރާގެ އަންހެނުންނެވެ.

"ގޭމް ޗޭންޖާ" ގެ ޝޫޓިން ނިންމައި ފިލްމު މިހާރު އޮތީ ޕޯސްޓް-ޕްރޮޑަކްޝަންގަ އެވެ. މިއީ ޖުމްލަ 170 ކްރޯޑް ރުޕީސް (20.7 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.