Last Updated: April 16, 23:13
Tuesday, April 16, 2024
ރިޕޯޓް

ރޯދަ ރަހަ: ޕަނީރު ބަޓާ މަސާލާ

* ބޭނުންވާ ތަކެތި:

250 ގްރާމް ޕަނީރް (ޗީޒް ކަމުނުދާ ފަރާތްތަކަށް ކަށިނެތް ކުކުޅު ނުވަތަ ތަރުކާރީ ވެސް ބޭނުން ކުރެވިދާނެ)
2 ފިޔާ (ބޮޑު)
5 ޓޮމާޓޯ
12 ކެޝޫނަޓު
1 ބޭ ލީފް
4-5 ހިކި މިރުސް
2 ރޯ މިރުސް
1 އިންޗި އިނގުރު
8-9 ލޮނުމެދު
1 ސައިސަމުސާ ހަކުރު
4 ސައިސަމުސާ ކަސޫރީ މީތީ
4 ސަމުސާ ބަޓަރު
1 ސައިސަމުސާ ކަޝްމީރު މުގުރި މިރުސް
1 ސައިސަމުސާ މުގުރި ކޮތަންބިރި
1/4 ސައިސަމުސާ ގަރަމް މަސާލާ
100 މިލިލީޓަރު ކުކިން ކްރީމް
ޒައިތޫނި ތެޔޮ

* ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ފިޔަ އާއި ޓޮމާޓޯ ބޮޑެތިކޮށް ކޮށާލާށެވެ. އެ އަށް ފަހު ހުރިހާ ތަރުކާރީކޮޅު ޒައިތޫނި ތެޔޮކޮޅެއްގެ ތެރޭގައި މީރުކޮށްލާނީ އެވެ. ލޮނުމެދު، ދެ ވައްތަރު މިރުސް، ބޭ ލީފް އަދި އިނގުރު އަޅާނީ ނުކޮށަ އެވެ. ތަރުކާރީކޮޅު މަޑުވުމުން ބޭ ލީފްކޮޅު ނަގާފައި ތަރުކާރީކޮޅު ބްލެންޑަރެއްގެ ތެރެޔަށް އަޅާލާފައި މުގުރާލާށެވެ.

މި ހަވާދުކޮޅު މުގުރާފައި، ފުރާނާލާފައި އެއްކައިރިކޮށްލާށެވެ.

ދެން ވަކިން ތެއްޔަކަށް ބަޓަރ އަޅާފައި ރޯމިރުސްކޮޅު މީރުކޮށްލާށެވެ. އެ އަށް ފަހު ހަވާދު، އަދި ޕަނީރް އަޅާފައި ހަލާލާނީއެވެ. ތެލި ތެރޭގައި ތެޔޮ ހެދެން ފެށުމުން ކުކިންގ ކްރީމް އަޅާފައި އެއްކޮށްލާށެވެ. ރިހަ 5 ވަރަކަށް މިނެޓް ވަންދެން ކައްކާށެވެ.