Last Updated: April 24, 23:11
Wednesday, April 24, 2024
މުނިފޫހިފިލުވުން

ލިއޮނާޑޯގެ އާ ފިލްމު އޮކްޓޯބަރަށް

ހޮލީވުޑްގެ މަޝްހޫރު ތަރި ލިއޮނާޑޯ ޑި ކެޕްރިއޯގެ އާ ފިލްމު "ދަ ކިލާސް އޮފް ދަ ފްލާވާ މޫން" މި އަހަރުގެ އޮކްޓޯބަރުގައި ރިލީޒްކުރަން ތާވަލުކޮށްފަ އެވެ.

މީޑިއާތަކުން ބުނީ ވަރުގަދަ ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރީ މާޓިން ސްކޮސިސްގެ ކްރައިން ޑްރާމާ ލިމިޓެޑް ސިނަމާތަކެއްގައި އޮކްޓޯބަރު 6 ގައި ރިލީޒްކުރުމަށް ފަހު، އެ މަހުގެ 20 ގައި ގިނަ ސިނަމާތަކަށް ފިލްމު ގެންނާނެ ކަމަށެވެ. އޭގެ ފަހުން އެޕަލް ޓީވީ ޕްލަސް އަށް "ދަ ކިލާސް އޮފް ދަ ފްލާވާ މޫން" ދޫކޮށްލާނެ އެވެ.

ވަރުގަދަ ކާސްޓެއް ވެސް ހިމެނައިގެން 200 މިލިއަން ޑޮލަރުހެ ބަޖެޓަކުން ހަދާފައިވާ މި ފިލްމަކީ ލިޔުންތެރިޔާ އެރިކް ބްރޮތު ހަމަ އެ ނަމުގައި ގެނެސްދިން ފޮތަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. ނަވާރަ ސަތޭކަ ވިހީގެ ތެރޭގައި ހިންގާގައިވާ ދަހިވެތިކަމުގެ ގަތުލުތަކެއް ދައްކުވައި ދޭނެ "ދަ ކިލާސް އޮފް ދަ ފްލާވާ މޫން" ގެ ކާސްޓްގައި ރޮބަޓް ޑި ނީރޯ، ޖެލީ ޕްލެމިންސް، ލިލީ ގްލެޑްސްޓޯން، ބްރެންޑެން ފްރޭޒާ އަދި ޖޯން ލިތު ގޯ ހިމެނެ އެވެ.

"ޓައިޓޭނިކް" އާއި "އިންސެޕްޝަން" ފަދަ ފިލްމުތައް ކުޅުނު ލިއޮނާޑޯ ކުރިން ވެސް މާޓިންއާ އެކީ މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި 2013 ގެ "ދަ ވުލްފް އޮފް ވޯލްސްޓްރީ" އާއި 2010 ގެ "ޝަޓާ އައިލޭންޑް" އާއި 2006 ގެ "ދަ ޑިޕާޓެޑް" އާއި 2004 ގެ "ދި އޭވިއޭޓާ" އާއި 2002 ގެ "ގޭންގްސް އޮފް ނިއު ޔޯކް" ހިމެނެ އެވެ.

މާޓިން، 80، އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2019 ގެ "ދި އައިރިޝް މޭން" އެވެ. ލިއޮނާޑޯ، 48، އެންމެ ފަހުން ފެނިފައި ވަނީ 2021 ގެ "ޑޯންޓް ލުކް އަޕް" އިންނެވެ.