Last Updated: March 28, 14:17
Thursday, March 28, 2024
މުނިފޫހިފިލުވުން

ހޮލީވުޑަށް ވަދެވުނީ މިއުޒިކުގެ ސަބަބުން: ޕްރިޔަންކާ

ފިލްމީ ތަރިއެއްގެ ގޮތުގައި ހޮލީވުޑަށް ވަދެވުނީ ކިޔައި، ނެރުނު ވީޑިއޯ ލަވަތަކެއްގެ ސަބަބުން ކަމަށް އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ބުނެފި އެވެ.

އޭނަގެ ހޮލީވުޑް ދަތުރުގެ ފެށުމަކީ އޭބީސީ ނެޓްވޯކުން 2015 ގައި ގެނެސްދިން ސިލްސިލާ "ކްއަންޓިކޯ" އެވެ. އަދި ޕްރިޔަންކާ ކުޅުނު ހޮލީވުޑްގެ ފުރަތަމަ ފީޗާ ފިލްމަކީ 2017 ގެ "ބޭވޮޗް" އެވެ. އޭގެ ފަހުން ގިނަ ފުރުސަތުތަކެއް ލިބި، އޭނަ މިހާރުވެފައި ވަނީ ހޮލީވުޑްގެ ނުފޫޒު ގަދަ ބަތަލާއަކަށެވެ.

ބޮލީވުޑުން ހޮލީވުޑަށް ހިޖުރަކުރުމާ ބެހޭ ގޮތުން ޑެކްސް ޝެފާޑްގެ ޕޮޑްކާސްޓް ޝޯ "އާމްޗެއާ އެކްސްޕާޓް" ގައި ވާހަކަ ދައްކަމުން 2000 ވަނަ އަހަރުގެ މިސް ވޯލްޑް ބުނީ ބޮލީވުޑަށް ނުކުތް ނަމަވެސް އެންމެ ބޭނުންވި ގޮތަށް އެ އިންޑަސްޓްރީން ފުރުސަތުތައް ފަހިވަމުން ގޮސްފައި ނެތް ކަމަށެވެ. އެހެންވެ ފަހުން ވަރަށް ބޮޑަށް ބާކީވެފައި ހުރި ކަމުގެ އިހުސާސް ވެސް ކުރެވެން ފެށި ކަމަށް 2008 ގެ ފިލްމު "ފެޝަން" އިން މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ހޯދި ޕްރިޔަންކާ ބުންޏެވެ.

"ތެދަށް ބުނަންޏާ ބޮލީވުޑުން އަހަރެން ގެއްލުނީ ބާކީކޮށްލުމުގެ ސަބަބުން. ބޭނުންވި ވަރަކަށް އޮފާތަކެއް ވެސް ނުލިބޭ. އެހެންވެ އެ ދަނޑިވަޅުގައި ބްރޭކަކަށް ދާން ވެސް ބޭނުންވެފައި ހުރީ." 2003 ގެ "ހީރޯ: ލަވް ސްޓޯރީ އޮފް އަ ސްޕައި" އިން ބޮލީވުޑަށް ނުކުމެ، ކާމިޔާބު ފިލްމުތަކެއް ކުޅުނު ބަތަލާ ބުންޏެވެ.

ޕްރިޔަންކާ ބުނި ގޮތުގައި މިއުޒިކްގެ ތެރެއަށް ސީރިއަސްކޮށް ވަދެވުނީ 2012 ހިސާބުގަ އެވެ. އަދި އޭނަގެ ފުރަތަމަ ވީޑިއޯ ލަވަ "އިން މައި ސިޓީ" ނެރުނީ ވެސް އެ އަހަރު އެވެ. އޭގެ ފަހުން "އެގްޒޯޓިކް" ގެ ނަމުގައި އެމެރިކާގެ ފަންނާނު ޕިޓްބުލްއާ ގުޅިގެން ވެސް ވަރަށް މަގުބޫލު ލަވައެއް ނެރުމެވެ.

"މިއުޒިކްގެ ސަބަބުން އަސްލު ހޮލީވުޑަށް ވަދެވުނީ. އެކަމަކު އޭރު ދެން މިއުޒިކީ ގޮތުން ވެސް ކުރިއަށް ދާން މާ ރަނގަޅު ފުރުސަތުތަކެއް ފަހިވެގެނެއް ނުދިޔަ،" ޕްރިޔަންކާ ބުންޏެވެ. "އެހެންވެ ދެން ބޭނުންވީ ހޮލީވުޑްގައި އެކްޓްކުރަން. ކްއަންޓިކޯ އަކީ އޭގެ ފެށުން. ދެން މިހާރު ހަމަ ހުއްޓުމެއް ނެތި ކުރިއަށް މި ދަނީ."

ޕްރިޔަންކާ ދެން އެންމެ އަވަހަށް ފެންނަން އޮތް ފިލްމަކީ މެއި 12 އަށް ތާވަލުކޮށްފައި އޮތް "ލަވް އެގެއިން" އެވެ. އަދި އަންނަ މަހުގެ 28 ގައި އޭނަގެ ސީރީޒް "ސިޓަޑެލް" އެމެޒޯން ޕްރައިމަށް އަންނާނެ އެވެ. ޕްރިޔަންކާ ކުޅުނު ހޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި "އިޒިންޓް އިޓް ރޮމޭންޓިކް؟"، "އަ ކިޑް ލައިކް ޖޭކް"، "ވީ ކޭން ބީ ހީރޯސް"، "ވައިޓް ޓައިގާ" އަދި "މެޓްރިކްސް ރިސަރެކްޝަންސް" ހިމެނެ އެވެ.

އެމެރިކާގެ ފަންނާނެއް ކަމަށްވާ ނިކް ޖޯނަސްއާ 2018 ކައިވެނިކޮށް މިހާރު އަންހެން ދަރިއެއް ވެސް އޮތް ޕްރިޔަންކާގެ އެންމެ ފަހުގެ ހިންދީ ފިލްމަކީ 2019 ގެ "ދަ ސްކައި އިޒް ޕިންކް" އެވެ. އަދި އޭނަ އޮތީ "ޖީ ލޭ ޒަރާ" ކިޔާ ފިލްމަކަށް ސޮއިކޮށްފަ އެވެ.