Last Updated: April 19, 06:24
Friday, April 19, 2024
މުނިފޫހިފިލުވުން

ވިވިއަންގެ މިހާރު ދަރިއަކު ވެސް އެބައޮތް

ކައިވެނި ސިއްރުކޮށްގެން އަހަރެއްހާ ދުވަސް ވަންދެން އުޅުނު އިންޑިއާގެ ޓީވީ އެކްޓަރު ވިވިއަން ޑިސޭނާގެ މިހާރު ދަރިއަކު ވެސް އެބައޮތް ކަމަށް ބުނެފި އެވެ.

މިދިޔަ އަހަރު ކަލާސް އިން ގެނެސްދިން ސިލްސިލާ "ސިރުފު ތުމް" ގެ އެކްޓަރު މިސްރުގެ ނޫސްވެރިއެއް ކަމަށްވާ ނޫރަން އަލީއާ ކައިވެނިކޮށްގެން އުޅޭ ވާހަކަ ބުނީ މިދިޔަ މަހު އެވެ. އަދި އެ ކައިވެންޏަށް އަހަރެއް ވެސް ވެފައިވާ ކަމަށް ބުންޏެވެ. ނަމަވެސް އޭރު ދަރިއަކު އޮތް ވާހަކައެއް ވިވިއަން ނުބުނެ އެވެ.

ނަމަވެސް ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއެއްގައި 34 އަހަރުގެ އެކްޓަރު ބުނީ އޭނަ އަށް ލިބުނީ އަންހެން ދަރިއެއް ކަމަށާއި މިހާރު ހަތަރު މަސްވީ ކުއްޖާގެ ނަމަކީ ލަޔާން ވިވިއަން ޑިސޭނާ ކަމަށެވެ. އަދި ބައްޕަކަށްވުމުން ވަރަށް ބޮޑު އުފަލެއް ލިބިފައިވާ ކަމަށާއި މީގެ ސަބަބުން ހަޔާތަށް ހެޔޮ ބަދަލުތަކެއް ވެސް އަތުވެއްޖެ ކަމަށް ބުންޏެވެ.

ވިވިއަން ބުނީ އޭނަ ކައިވެނިކުރި ވާހަކަ އާއި ދަރިއަކު ލިބުނު ވާހަކަ ސިއްރުކޮށްގެން އުޅުމަކީ މައްސަލައެއް ކަމަށް ނުނެދޭ ކަމަށެވެ.

"މިއީ އަހަރެންގެ ވަރަށް ޒާތީ ކަމެއް. އަދި އެފަދަ ވާހަކަތައް އަހަރެން ދައްކާނީ ދައްކަން ބޭނުންވި އިރަކުން." ކުރިން ބަތަލާ ވައްބިޒް ދޮރަބްޖީއާ ކައިވެނިކުރި އެކްޓަރު ބުންޏެވެ.