އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ މައި އިމާރާތާއި ގުޅޭ ގޮތަށް އައު 3 ބުރީގެ އެކްސްޓެންޝަން އިމާރާތެއް އެޅުމުގެ މަސައްކަތް ބަޔަކާއި ހަވާލު ކުރުމަށް ބީލަމުގެ މަރުހަލާ ކުރިއަށް ގެންދަން ނޭޝަނަލް ޓެންޑަރ ބޯޑަށް ފޮނުވައިފިއެވެ.
އޭއީއެޗްގެ އައު އިމާރާތަކީ މިހާރު ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ގެނެސް އިތުރު ވަސީލަތްތައް ޤާއިމް ކުރުމަށް އަޅަން ތައްޔާރުވަމުންދާ އިމާރާތެއް ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. މިގޮތުން މި އިމާރާތް އަޅަން ނިންމާފައިވަނީ މިހާރު ހުރި މައި އިމާރާތާއި ކައިރީގައި ކަމުން އިމާރާތުގެ ފުރަތަމަ ފަންގިފިލާ އެކްސްޓެންޝަން އިމާރާތާއި ގުޅުވާލެވޭ ގޮތަށް އިމާރާތް ޑިޒައިން ކޮށްފައިވާ ކަމަށް އޭއީއެޗްއިން މައުލޫމާތު ދެއެވެ. މިއީ 3 ބުރީގެ 50،000 އަކަފޫޓުގެ ޖާގައި އިމާރާތެއް ކަމަށް އޭއީއެޗް މައުލޫމާތު ދެއެވެ.
މި އިމާރާތުގައި ޑައިލަސިސްގެ ޚިދުމަތް ފުޅާކޮށްދެވޭނެ ގޮތަށް ޑައިލަސިސް ސެންޓަރަކާއި، ހައިޑްރޮޕޫލް ތެރަޕީއާއެކު ޖާގަ އިތުރުކުރެވިފައިވާ ފިޒިއޮތެރަޕީ ޑިޕާޓްމަންޓަކާއި، ހައިޕަބެރިކް ޗެންބަރ، ބްލަޑް ބޭންކް އަދި ބްލަޑް ޓްރާންސްފިއުޝަން ވޯޑަކާއި، ޔޫރޮލޮޖީ އަދި ނެފްރޮލޮޖީ ސެންޓަރ އަކާއި ކެތުލެބަކާއި ކާޑިއަކް އައިސީޔޫ އަދި ހައި ޑިޕެެންޑެންސީ ޔުނިޓެއް ހިމެނޭހެން ކާޑިއަކް ސެންޓަރެއް ހިމެނެއެވެ. މީގެ އިތުރުން ރަށްރަށުން ހޮސްޕިޓަލަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ހަމަޖެހިލައިގެން ވަގުތުކޮޅެެއް ހޭދަކޮށްލެވޭނެ ގޮތަށް ޑޭ ލޯންޖަކާއި 11 ޕްރައިވެޓް ރޫމްވެސް ހިމެނެއެވެ.

އޭއީއެޗްގެ އެކްސްޓެންޝަން އިމާރާތް އެޅުމުގެ މަސައްކަތް ޓެންޑަރ ބީލަމުގެ މަރުހަލާއަށް ފޮނުވާފައިވާއިރު، ހޮސްޕިޓަލަށް މިވަގުތު ދިމާވެފައިވައިވަނީ އިންސާނީ ވަސީލަތް މަދުވުމާއި ޖާގައިގެ ދަތިކަމެވެ. އޭއީއެޗް މިހާރު އަޅާފައިވާ އިމާރާތަކީ ހޮސްޕިޓަލެއް ހެދުމަށް ފަރުމާކޮށްފައިވާ އިމާރާތެއް ނޫން ކަމުން، ތާޝަރީ ފެންވަރުގައި ހުރިހާ ޚިދުމަތެއް ދިނުމަށް ދަތިތަކެއް ވަނީ ކުރިމަތިވެފައިވާ ކަމަށް މީގެ ކުރީން އައްޑޫލައިވްއާއި ވާހަކަ ދައްކަވަމުން އޭއީއެޗްގެ ސީއީއޯ ޑރ. މުހައްމަދު ސާލިހް ވަނީ ވިދާޅުވެފައެވެ.
އޭއީއެޗްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ނިމުމުން އޭއީއެޗްގައި ޒަމާނީ ފެންވަރަށް ޚިދުމަތް ދިނުމަށް މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެން ދާނެ ކަމަށް އޭއީއެޗްއިން ބުނެއެވެ.