Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ނަޝީދަކީ ސިޔާސީ މައިދާނުގެ ބޮޑު ނަން: އިންތި

މެމްބަރު އިމްތިޔާޒް ފަހުމީ-- ފޮޓޯ: ރައްޔިތުންގެެ މަޖިލިސް

ރާއްޖޭގެ ސިޔާސީ މައިދާނުގައި އަދިވެސް "ބޮޑު ނަމަކީ" ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ވެރިކަން ވެސް ހިމެނޭ ގޮތުން ދައުލަތުގެ ބާރުތަކާއި ވަސީލަތްތައް ބޭނުންކޮށްގެން ނަޝީދު ނައްތާލުމަށް މަސައްކަތް ނުކުރާ ވެރިކަމެއް ނެތް ކަމަށެވެ. ނަޝީދުގެ ފުރާނަ ދުއްވާލުމަށް ބޮން ގޮއްވާލުމަށް ފުރުސަތު ވެސް ދީފައިވާ ކަމަށް ވިދާޅުވި އެވެ.

"އިރާދަފުޅުން އަދި ވެސް މިއީ ސިޔާސީ މައިދާނުގެ "ބޮޑު ނަން." އިންތި ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ބަލިވެވަަޑައިގަތުމުން ނަޝީދު ގެންދަވަނީ ރައީސާ ދެކޮޅަށް ނުކުންނަވައި، ޖޭޕީއާ ގުޅިގެން މިހާރު މަސައްކަތް ކުރައްވަމުންނެވެ. އަދި ރިޔާސީ އިންތިހާބަށް "ފިކުރެއްގެ ދިރުން" އިން ޖޭޕީއާ ގުޅިގެން މެނިފެސްޓޯ އެކުލަވާލަން ވެސް ނިންމާފައިވެ އެވެ.

ޖޭޕީން އޮތީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމައިފަ އެވެ.

ނަޝީދު އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނަވައި، ޕާޓީގެ ތެރޭގައި ވަކި ފެކްޝަނެއް ހައްދަވައި އެހެން ސިޔާސީ ޕާޓީއަކަށް ވެރިކަން ހޯއްދަވައި ދެއްވަން މަސައްކަތް ކުރައްވާތީ ރައީސް ސޯލިހަށް ތާއިދުކުރާ އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްލާމާއި އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވެސް ވަނީ ރައީސް ފަހަތްފުޅަށް ނަޝީދު ވަަޑައިގަތުމަށް ތަކުރާރުކޮށް ގޮވާލައްވައިފަ އެވެ.