Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

ރޯދަ މަހު ޔާމީން ގެއަށް ބަދަލުކުރަން ޖެހޭ: ބޮންޑޭ

މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރޯދަ މަހު ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދޭންޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަދައްކަމުން ބޮންޑޭ ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށްލުމުން ވެސް ރޯދަ މަހު ގެއަށް ބަދަލުކޮށްދޭން އެދުނު ކަމަށާއި އެގޮތަށް ޔާމީން ވެސް ގޭގައި ބެހެއްޓުމަކީ ކޮށްދޭންޖެހޭ ކަމެއް ކަމަށެވެ.

"އެއީ މި ގައުމަށް ވެސް ހަމަ ހިދުމަތްތަކެއް ކޮށްދީފައި، ބްރިޖާއި އެތަންމިތަން. ހޮސްޕިޓަލް ވެސް އަޅާފައި ހުރި ބޭފުޅެއް. އަޅުގަނޑު ހަމަ އެދެން ޔާމީން ވެސް މި ރޯދަ މަހު ގޭގައި ބަހައްޓައިދޭން." ބޮންޑޭ ވިދާޅުވި އެވެ.

ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގަ އެވެ. އެ ދުވަހުން ފެށިގެން އިދިކޮޅު ސަޕޯޓަރުން އަންނަނީ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ކޮންމެ ރެޔަކު މާލޭގައި އިދިކޮޅުން އަންނަނީ އެއްވުންތައް ބާއްވަމުންނެވެ.

ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. ދައުވާތައް ސާބިތުވުމުން ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްތެރޭ ދެއްކުމަށް ވެސް އަމުރުކޮށްފަ އެވެ. އެ ހުކުމް މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

މި ދައުވާތައް ސާބިތުވުމުން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް މިހާރު ވަނީ ބަންދުވެފަ އެވެ.