Last Updated: April 24, 09:02
Wednesday, April 24, 2024
މުނިފޫހިފިލުވުން

ޕްރިޔަންކާގެ ބޮލީވުޑް ކެރިއަރު ހަލާކު ކުރީ ކަރަން

ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ބޮލީވުޑް ކެރިއަރު ހަލާކުކުރީ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރު ކަމަށް ބުނެ ކަންގަނާ އޭނަ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

މީގެ ކުރިން ވެސް ކަރަންއާ ބެހޭ ގޮތުން ސާބިތު ނުހިފޭ އެތައް ވާހަކައެއް ދައްކާފައިވާ ކަންގަނާ މި ފަހަރު ކަރަން އަށް ބަހުގެ ހަމަލާތަކެއް ފޮނުވީ އެމެރިކާގެ ޕޮޑްކާސްޓް ޝޯއަކަށް ޕްރިޔަންކާ މި ހަފުތާގައި ދިން އިންޓަވިއުއެއްގައި ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. އެގޮތުން ބޮލީވުޑް ދޫކޮށް ހޮލީވުޑަށް ހިޖުރަކުރަން މަޖުބޫރުވީ ފުރުސަތުތައް ވެސް ނުލިބި، އިންޑަސްޓްރީން ބާކީކޮށްލުމުން ކަމަށް ބުނެފައިވެ އެވެ.

އެ އިންޓަވިއުއްގައި ޕްރިޔަންކާ ވަނީ ބޮލީވުޑްގައި ޖައްސާލައިގެން އުޅޭ މީހުން ތިބޭ ކަމަށާއި އެފަދަ މީހުންނަކީ ކުރިއެރުމަށް ހަސަދަވެރިވާ އަދި އެ މީހަކު ދަށްކޮށްލަން ވެސް މަސައްކަތްކުރާ މީހުން ކަމަށް ބުނެފައިވެ އެވެ.

ޕްރިޔަންކާ މި މޭރުމުން ވާހަކަ ދެއްކުމާ ގުޅިގެން އޭނައާ އެކީ 2013 ގެ "ކްރިޝް 3" އާއި 2008 ގެ "ފެޝަން" ގައި މަސައްކަތްކުރި ކަންގަނާ ވަނީ ޕްރިޔަންކާ އަކީ މިހާރު ބައިނަލްއަގުވާމީ މައިދާނުގައި އިންޑިއާގެ ފަހުރެއްކަން ފާހަގަކޮށް، އޭނަގެ ބޮލީވުޑް ކެރިއަރު ހަލާކުކޮށްލުމުގެ ފަހަތުގައި ހުރި މީހަކީ ސީދާ ކަރަން ކަމަށް ބުނެފަ އެވެ.

ކަންގަނާ ކުރި ޓްވީޓްތަކެއްގައި ބުނެފައި ވަނީ ޕްރިޔަންކާގެ ކެރިއަރު، ކަރަން ހަލާކުކޮށްލީ ޝާހްރުކް ޚާނާއި ޕްރިޔަންކާއާ ދެމެދު އުފެދުނު ހާއްސަ ގުޅުމެއްގެ ސަބަބުން ކަމަށެވެ. އެކީގައި 2006 ގެ "ޑޮން" އާއި 2011 ގެ "ޑޮން 2" ކުޅުނު އެ ދެ ތަރިން ރައްޓެހިވިކަމުގެ އަޑުތަކެއް އަރައި، ޕްރިޔަންކާއާ އެކީ ދެން ދުވަހަކު ވެސް ފިލްމު ނުކުޅެން ޝާހްރުކަށް އަންހެނުން ގޯރީ ޚާން އިންޒާރު ވެސް ދީފައިވެ އެވެ. އަދި އެކަމުގެ ތެރެއަށް ކަރަން ވެސް ވަދެ، ޕްރިޔަންކާ އާއި ޝާހްރުކް ދުރުކުރަން ގިނަ މަސައްކަތްތަކެއް ކުރިކަމުގެ އަޑުތަކެއް އެ ދުވަސްވަރު އެރި އެވެ.

ފާހަގަކޮށްލެވޭ ކަމަކީ ކަރަން އަކީ ޝާހްރުކްގެ އާއިލާ މީހެއް ފަދަ ގާތް މީހެކެވެ.

ކަންގަނާ ބުނީ ކަރަން އަކީ އަބަދު ވެސް ބޮލީވުޑަށް ވަންނަ އިންޑަސްޓްރީއާ ގުޅުން ނެތް މީސްމީހުން ދުއްވައިލަން މަސައްކަތްކުރާ މީހެއް ކަމަށެވެ. އަދި އޭނަގެ އެފަދަ އަމަލުތަކަށް ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ވެސް ބުންޏެވެ.

ޕްރިޔަންކާ އަކީ ކަރަންގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަންގެ ފިލްމުތަކެއް ކުޅެފައިވާ ބަތަލާއެކެވެ. އެގޮތުން އެ ސްޓޫޑިއޯގެ 2008 ގެ "ދޯސްތާނާ" އާއި 2012 ގެ "އަގުނީޕަތު" ގެ ބަތަލާ އަކީ ޕްރިޔަންކާ އެވެ. އަދި ޕްރިޔަންކާ އާއި ކަރަންއާ ދެމެދު އަބަދު ވެސް ގާތް ގުޅުމެއް އޮންނަ ކަމަށް ފާހަގަ ކުރެވިފައިވެ އެވެ. ކަރަންގެ ޓޯކް ޝޯ، "ކޮފީ ވިތު ކަރަން" ގެ ސީޒަންތަކުގައި ވެސް ޕްރިޔަންކާ ބައިވެރިވެފައިވެ އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޕްރިޔަންކާ އަކީ މިހާރު ހޮލީވުޑްގެ ނުފޫޒު ގަދަ ބަތަލާއެކެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ މެއި 12 އަށް ތާވަލުކޮށްފައި އޮތް "ލަވް އެގެއިން" އެވެ.

ޕްރިޔަންކާ އެންމެ ފަހުން ކުޅުނު ބޮލީވުޑް ފިލްމަކީ 2019 ގެ "ދަ ސްކައި އިޒް ޕިންކް" އެވެ. އަދި އޭނަގެ އަތުގައި މިހާރު "ޑޮން" ފްރެންޗައިޒްގެ ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ އާ ފިލްމު "ޖީ ލޭ ޒަރާ" ވެސް އެބައޮތެވެ. އެ ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.