Last Updated: April 26, 23:59
Friday, April 26, 2024
ރިޕޯޓް

ފުލުހުންގެ ހިދުމަތަށް 90 އަހަރު

މިއަދަށް ފުލުހުންގެ ހިދުމަތަށް 90 އަހަރުވީ އެވެ.

ދިވެހި ފުލުހުންގެ ތާރީހަކީ އެވޭލާ ޒަމާނުގެ ތާރީހެކޭ އެއްގޮތަށް މާ ސާފުނޫން ދުންފިނީގެ ނޭނގުމާއި އަނދިރިކަމުގެ ތެރެއަށްގޮސް ހަނދާނުން ފޮހެވި ލޮލުގެ ފެނުމަށް އޮބާފައިވާ ތާރީހެކެވެ. ޒަމާންތައް ބަދަލުވަމުން ދިޔަވަރަކަށް ދުނިޔެއަށް އަންނަމުންދިޔަ ތަރައްގީއާއި ތަހުޒީބުގެ ތެރެއަށް ދިވެހިންގެ ލޯހުޅުވެމުން ދިޔުމުގެ ނަތީޖާއަކަށްވީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު ކައްތިރި ބަވަނަ މަހާރަދުންގެ ރަސްކަމުގައި ދިވެހިރާއްޖެއަށް ލިޔެވިގެންވާ ދުސްތޫރީ ހުކޫމަތެއް ލިބިގެން ދިޔައުމެވެ.

ޑިސެންބަރު 22، 1932 ގައި ވުޖޫދަށް އައި މި ގާނޫނުއަސާސީގެ ދަށުން މާލޭގައި ފުލުހުން ބޭތިއްބުމާބެހޭ ގާނޫނު އެކުލަވާލައި، ކީރިތި މަހާރަދުންގެ އަރިހަށް ހުށަހެޅުމުން، އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު މި ގާނޫނު ތަސްދީގުކުރައްވައި ފުލުހުންގެ ޚިދުމަތް މާޗް 29، 1933 ގައި ރަސްމީކޮށް ފެށިގެން ދިޔަ އެވެ.

އެ ޒަމާނަކީ ރާއްޖެ މިއަދު މިދެކޭ ފަދަ ޓެކްނޮލޮޖީ ދުށް ޒަމާނެއް ނޫނެވެ. ނަމަވެސް، އޭރުވެސް ފުލުހުން ދިޔައީ މުއާސަލާތު ކުރަމުންނެވެ. އޭރު ކޮންމެކަމަކަށް ވެސް ވަކި ގަޑިތަކެއް ނުވަތަ ވަކި ގޮތްތަކެއް ކަނޑައަޅައި މާލޭގެ ހަތަރު އަވަށު ފުލުހުން އެ ފުލުހުން ނިސްބަތްވާ އަވަށު މައިޒާންތަކަށް ގޮސް އަނގަބަހުން މުއާމަލާތު ކުރަމުންދާނެ ކަމީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫނެވެ.

ފުލުހުންގެ ޚިދުމަތް ފެށިގެން އައީ މާލޭގެ އޭރު އޮތް ހަތަރު އަވަށުން މީސްކޮޅެއް ހޮވާލައިގެންނެވެ. އެގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ފުލުހުންގެ ފައުޖުގައި ހިމެނުނީ 120 ފުލުހުންނެވެ. އޭރު ފުލުހުން އެންމެ ބޮޑު އިސްކަމެއްދޭން ޖެހިފައި އޮތީ ރައްޔިތުންނަށް ރައްކާތެރިކަން ލިބިދިނުމަށެވެ. ރަށުތެރޭގެ އަމަން ބެލެހެއްޓުމަށެވެ. މިގޮތުން، މާލޭގެ ހަތަރު އަވަށާއި، ބާޒާރުގައި ފޯރިމެރުމާއި، ބަޔަކު ކުށެއް ކުރަނިކޮށް ފެނިއްޖެ ނަމަ އެބަޔަކު ވެރިންނާ ހަމަޔަށް ގެންގޮސް ރިޕޯޓުކުރަން ޖެހެއެވެ. މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކޮށް، ބޮޑެތި ޖަރީމާތައް ހިންގުމުގެ މަގުތައް ބަންދުކޮށް، އެފަދަ ކަންކަމުން ރައްޔިތުން ދުރުހެލި ކުރަންޖެހެއެވެ.

މިފަދަ ކަންކަންކުރާ ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރަންޖެހެއެވެ. ކަންމިހެން އޮތްއިރު، އޭރު މި ފުލުހުން މަގުމަތީގައި ޑިއުޓީ ކުރަމުން ދިޔައީ ފައިމަގުގައެވެ. ހުދުލިބާހާއި މުންޑުލައި އުނަގަނޑުގައި ކަމަރެއް އަޅައި ބޮލުގައި ކަޅު ތާކިހަލެއް އަޅައިގެންނެވެ. ޑިއުޓީއަށް ނުކުތުމުން އަތުގައި މުގުރު ބުރިއެއް އޮންނައިރު، މުއާސަލާތު ކުރުމަށް ތުމުން ފުމޭ ކަށިގަނޑެއް ދީފައި އޮވެއެވެ. މިގޮތަށް މާލޭގެ ކޮންމެ އަވަށެއްގައި ދަންފަޅި ބަހައިގެން ފުލުހުން ޑިއުޓީ ކުރަމުންދާއިރު، ޑިއުޓީގައި އުޅޭ ފުލުހަކަށް މަގުމަތީގައި ހާދިސާއެއް ހިނގައިގެން އުޅޭތަން ފެނިއްޖެނަމަ އަތުގައި އޮންނަ ކަށިގަނޑުން ފުމެން ފަށާނެއެވެ. މި ކަށިގަނޑުގެ އަޑު އިވުމާއެކު އެ އަވަށެއްގެ ފުލުހުން އެ އަޑަށް ލަސްނުވެ އެ ތަނަކަށް ދާނެއެވެ.

މިފަދަ ގޮތަކަށް ފުލުހުންގެ ޚިދުމަތް ދޭންފެށި ނަމަވެސް، ތަހުޒީބުވަމުން އަންނަ މުޖުތަމައާ އެއްގޮތަށް އޭރުވެސް ފުލުހުން ދިޔައީ މަސައްކަތް ކުރަމުންނެވެ. ފުލުހުންގެ ތާރީހުން އެނގެން އޮތް ގޮތުގައި، 1970 ގެ އަހަރުތަކުގެ ތެރޭގައިވެސް ފުލުހުން ރަށުތެރެ ބަލަހައްޓައި، ފޯރިމަރައި އުޅުނީ ފައިމަގުގައެވެ.

ނަމަވެސް އެ ދުވަސްވަރަކީ އެއްތަނުން އަނެއްތަނަށް ދިއުމުގައި ބައިސްކަލު ބޭނުންކުރަންފެށި ދުވަސްވަރަކަށް ވުމާއެކު އަމިއްލަ ބައިސްކަލެއް ހުރި މީހަކުނަމަ އެ ބައިސްކަލެއްގައި ޑިއުޓީއަށް ނުކުމެ ރަށުތެރެ ބަލަހައްޓަމުންދިޔައެވެ. ބައެއް ފަހަރަށް ފޯރިއަށް ހުންނަންޖެހޭ ތަނަށް ސިފައިންގެ ބަހުގައިވެސް ގެންގޮސްދީ ހަދައެވެ. މި ދެންނެވި ދުވަސް ވަރު ފައިމަގުގައި ޕެޓްރޯލުކޮށް ރަށުތެރެ ބެލެހެއްޓުން މަޑުމަޑުން ނިމުމަކަށް އަންނަން ފެށިއެވެ. އެ

ގޮތުން 1978 ވަނަ އަހަރުން ފެށިގެން ސިފައިންނަށް ރަސްމީކޮށް ބައިސްކަލު ދޫކުރަންފެށިއެވެ. މި ބަދަލާއެކު ފުލުހުންގެ ޑިއުޓީތަކުގައި ބައިސްކަލު ބޭނުންކުރަން އާންމުވާން ފެށިއެވެ.

ފުލުހުންގެ ޚިދުމަތް ފެށިގެން އައި ދުވަސްވަރު މުއާސަލާތު ކުރުމުގައި ތުނބުން ފުމޭ ކަށިގަނޑު ބޭނުން ކުރަމުންއައި އައުން 1980 ގެ އަހަރުތަކުގެ ތެރޭގައި ނިމުމަކަށްއައެވެ. މި ގޮތުން 1980 ގެ އަހަރުތަކުގެ ތެރޭގައި ޑިއުޓީތަކުގައި ފުލުހުން މުއާސަލާތު ކުރުމުގައި މޮޓޮރޮއްލާ ޓޯކީ، އޭރުގެ ނަމުން ނަމަ "ބޮޑު ޓޯކީ" ބޭނުންކުރަން ފެށިއެވެ.

މި ޓޯކީ އަކީ ހިފާ ގެންގުޅެން ބަރު، ބޮޑު ޓޯކީއެއް ނަމަވެސް، މި ޓޯކީގެ ޒަރީއާއިން މުއާސަލާތުކޮށް، ކުށެއް ހިންގާނަމަ އެ ވެއްޓެކަށް ނުވަތަ އެ ސަރަހައްދަކަށް ފުލުހުން ދިއުމުގައި އަވަސްވެގެން ދިޔައެވެ. އަދި ހަމަ މި ދުވަސްވަރު ދިރާގުން ޕޭޖަރުގެ ޚިދުމަތް ތައާރަފުކުރުމާއެކު ފުލުހުން ސިފައިންނެކޭ އެއްފަދައިން ފުލުހުންގެ ކޮމިޝަންޑު އޮފިސަރުން ރަސްމީ ކަންކަމުގައި ޕޭޖަރުން މުއާސަލާތުކުރަން ފެށިއެވެ. ނަމަވެސް 1995 ވަނަ އަހަރު މޮޓޮރެއްލާ ކުދި ޓޯކީ ފުލުހުންނަށް ލިބިގެންދިޔައެވެ.

އޭގެ އަހަރުތަކެއް ފަހުން 2002 ވަނަ އަހަރު ވެގެން ދިޔައީ އައު ކުދި ޓޯކީ ސެޓުތަކެއް ފުލުހުންނަށް ލިބިގެން ދިޔަ އަހަރަކަށެވެ. މި ދެންނެވި ޓޯކީ ސެޓުތަކާއި މޮޓޮރެއްލާ ކުދި ޓޯކީތަކާއެކު އެކި ދުވަސްވަރު މަތިން މުއާސަލާތު ކުރުމަށް މި ބްރޭންޑުގެ ތަފާތު ޓޯކީތައް ފުލުހުން ބޭނުން ކުރަމުން ދިޔައެވެ.

ދުވަސްތައް މާޒީވެ ގޮސް، ސެޕްޓެމްބަރު 1، 2004 ގައި ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތަކަށް ބަދަލުވެގެންދިއުމާއެކު ޒަމާނީ ޓެކްނޮލޮޖީއާ ރަހުމަތްތެރި ބަޔަކަށް ދިވެހި ފުލުހުންގެ ޚިދުމަތް ވެގެންދިޔައެވެ. ކުރިއަރަމުން އަންނަ ގައުމުތަކެކޭ އެއްފަދައިން ޓެކްނޮލޮޖީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ފުލުހުންގެ ޓެކްނޮލޮޖީ ނެޓްވޯކް ފުޅާކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ދަށުންހިނގާ ހުރިހާ ޑިޕާޓްމަންޓުތަކެއް ކޮމްޕިއުޓަ ވިއުގައަކުން ގުޅާލެވުނެވެ. އަދި މާޗު 29، 2008 ގައި ފުލުހުންގެ ހެޑް އޮފީހާއި އޭރު ރާއްޖޭގެ އަތޮޅުތަކުގައި ގާއިމުކުރެވިފައިވާ 39 ޕޮލިސް ސްޓޭޝަން އިންޓްރާނެޓް މެދުވެރިކޮށް ގުޅުވާލިއެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރެވިފައިވާ ޕޮލިސް ޑެސްކުތަކާއި ޕޮލިސް ޕޯސްޓުތައް ހިމެނޭ ގޮތަށް ޖުމްލަ 118 ޕޮލިސް ސްޓޭޝަނެއް ވިއުގައަކުން މިވަނީ ގުޅިލާމެހިފައެވެ.

ފުލުހުންގެ ރޭޑިއޯ ކޮމިއުނިކޭޝަންގެ ޚިދުމަތް ފުޅާވެގެން ދިޔައެވެ. އެގޮތުން ކުރިން ބޭނުންކުރަމުން ގެންދިޔަ އެނަލޮގް ރޭޑިއޯ ސިސްޓަމް ދޫކޮށް މިހާރު ވަނީ ޓެޓްރާ ނެޓްވޯކެއް ގާއިމުކޮށް ރާއްޖޭގެ ހުރިހާ އަތޮޅެއް ގިރާކޮށްފައެވެ. މި ސިސްޓަމަކީ ގުދުރަތީގޮތުން ދިމާވާ ބޮޑެތި ކާރިސާތަކުގައިވެސް ބެކަޕް ނެޓްވޯކެއްގެ ގޮތުގައި ބޭނުންކުރެވޭ ނެޓްވޯކެކެވެ.

މި ނެޓްވޯކުގައި ބޭނުންކުރާ ޓޯކީތަކުން އެއް ޓޯކީން އަނެއް ޓޯކީއަށް އެސްއެމްއެސް ފޮނުވުމުގެ ގާބިލުކަން ލިބިފައިވެއެވެ. އަދި ފޯނުން މިޓޯކީތަކަށް ޑައިރެކްޓްކޮށް ގުޅާލުމުގެ ފަސޭހަކަން ވެސް ޓެޓްރާ ނެޓްވޯކުން މިހާރު ވަނީ ލިބިފައެވެ. މި ޓޯކީތަކުގައިވާ ޖީ.ޕީ.އެސްގެ ޒަރީއާއިން، މި ޓޯކީތައް ގެންގުޅޭ ހިސާބުތައް ބަލައިލެވޭނެ އެވެ.

މިއަދު ދިވެހި ފުލުހުން ކާރާއި ސައިކަލުގައި މުޅި ރާއްޖެ ހިމެނޭހެން ހުރިހާ އަތޮޅެއްގެ ރަށްރަށުގެ އަމާންކަން ބަލަހައްޓަމުން ދިޔަ ނަމަވެސް، މިއަދު ފުލުހުންގެ ޓެކްނޮލޮޖީ ފުޅާވެގެން ގޮސްފައިވަނީ މުޅި އޭޝިއާ ސަރަހައްދުގެ ފުލުހުން ވެސް ބޭނުން ނުކުރާހާ ފުޅާ ދާއިރާއެއްގައެވެ. މިގޮތުން މުޅި ރާއްޖޭގައި 58 އައި.ޕީ ކެމެރާ ބެހެއްޓުމުގެ މަޝްރޫއާއި އިތުރު 30 ކެމެރާ ވަޔަރލެސްކޮށް ހަރުކުރުން ވެގެންދިޔައީ މި ޚިދުމަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމަކަށެވެ.

މީގެ އިތުރުން މާލޭގައި ހުރި ބޮޑެތި އިމާރާތްތަކުގައި ހަރުކޮށްފައިވާ ކެމެރާތަކުގެ ނެޓްވޯކް އެއް ވިއުގަރއަކުން ގުޅާލުން ވެގެންދިޔައީ، މިތަންތަނުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަވެގެންދިޔަ ކަމަކަށެވެ. މިގޮތުން މިހާރު މާލޭގެ އިތުރުން އާބާދީ ބޮޑެތި ސިޓީތަކާއި ރަށްރަށުގައިވެސް ސީ.ސީ.ޓީ.ވީ ކެމެރާ ހަރުކޮށް ޚިދުމަތްދޭން ވަނީފަށާފައެވެ. މި ޚިދުމަތްތަކަކީ އާންމުން އިތުބާރުކުރާ އަދި ބަލައިގަންނަ ޚިދުމަތްތަކަކަށް ވުމުގެ އިތުރުން ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތް ސުޕަވައިޒްކުރުމުގެ އިތުރު ފަސޭހަތަކެއް ލިބިގެންދިޔަ ކަމަކަށެވެ. (ނުނިމޭ)

ނޯޓް: މިއީ ދިވެހި ފުލުހުންގެ ހިދުމަތަށް މިއަދު 90 އަހަރު ފުރުމާ ގުޅިގެން ފުލުހުންގެ އެކި ދާއިރާތަކަށް އައި ބަދަލުތަކާ ގުޅޭ ގޮތުން ފުލުހުން ސިލްސިލާކޮށް ގެނެސްދޭން ފެށި ލިޔުމެއްގެ ފުރަތަމަ ބައެވެ. މި ލިޔުން ހާއްސަކޮށްފައި ވަނީ ފުލުހުންގެ ޓެކްނޮލޮޖީއަށެވެ.