Last Updated: April 26, 22:31
Friday, April 26, 2024
މުނިފޫހިފިލުވުން

އެކްޓަރު ވިވިއަން އަކީ މިހާރު މުސްލިމެއް

އިސްލާމް ދީން ގަބޫލުކޮށްފައިވާ ކަމަށާއި އެ ބަދަލާ އެކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށް އިންޑިއާގެ ޓީވީ އެކްޓަރު ވިވިއަން ޑިސޭނާ ބުނެފި އެވެ.

ބުރުގާ އެޅި މިސްރުގެ މީހަކާ ކައިވެނިކޮށްގެން މިހާރު ހަތަރު މަހުގެ ދަރިޔަކު ވެސް އޮތް 34 އަހަރުގެ އެކްޓަރު ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއެއްގައި ބުނި އޭނަ އިސްލާމްވީ 2019 ގެ ރޯދަ މަހުގެ ތެރޭގައި ކަމަށެވެ. އޭގެ ފަހުން ކޮންމެ އަހަރަކު ވެސް ރޯދަ ހިފާ ކަމަށާއި ނަފުސަށް މިހާރު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފަސް ވަގުތުގެ ނަމާދުން ލިއްބައިދޭ ވާގި ކަމަށް ވެސް ވިވިއަން ބުންޏެވެ.

"ނަމާދަކީ މުޅި ޖިސްމެއް ލިއްބައިދޭ ފިނި ކަމެއް. ފަސް ވަގުތު ނަމާދު ކުރުމަކީ މިހާރު އެންމެ ލޯބިވާ އެއް ކަންތައް." މިދިޔަ އަހަރު ކަލާސް އިން ގެނެސްދިން ސިލްސިލާ "ސިރުފު ތުމް" ގެ ބަތަލު ބުންޏެވެ.

ވިވިއަން ބުނި ގޮތުގައި އޭނަ އުފަންވީ ކްރިސްޓިއަން އާއިލާއަކަށެވެ. ނަމަވެސް ހަޔާތަށް އައި އެންމެ ހެޔޮ، ރަނގަޅު ބަދަލަކީ އިސްލާމް ދީނަށް ތަބާވުން ކަމަށް ބުންޏެވެ.

މިސްރުގެ ނޫސްވެރިއެއް ކަމަށްވާ ނޫރަން އަލީއާ މީގެ އަހަރެއްހާ ދުވަސް ކުރިން ކައިވެނިކުރި ވިވިއަން ބުނީ މިހާރު އަރަބި ބަސް ވެސް ދަސްކުރަމުން އަންނަ ކަމަށެވެ. އޭނަ މީގެ އަހަރެއްހާ ދުވަސް ކުރިން ކައިވެނިކުރި ނަމަވެސް މިދިޔަ މަހާ ހަމައަށް އުޅުނީ އެކަން ސިއްރުކޮށްގެންނެވެ. އަދި މިހާރު އަންހެން ދަރިއަކު އޮތް ވާހަކަ ބުނީ މި ހަފުތާގަ އެވެ. ވިވިއަން ބުނީ ދަރިފުޅަށް ކިޔަނީ ލަޔާން ވިވިއަން ޑިސޭނާ ކަމަށެވެ. އަދި ބައްޕަކަށްވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ބުންޏެވެ.

ކުރިން ޓީވީ ބަތަލާ ވައްބީޒް ދޮރަބްޖީއާ ކައިވެނިކުރި ވިވިއަން ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ޝަކުތީ: އަސްތިތުވާ ކޭ އެހެސާސް ކީ" އާއި "މަދޫބާލާ: އޭކް އިޝްގް، އޭކް ޖުނޫން" އަދި "ޕިޔާރު ކީ ޔޭ އޭކް ކަހާނީ" ހިމެނެ އެވެ. އޭނަ ކަލާސްގެ ރިއަލިޓީ ޝޯ، "ހަތުރޯން ކޭ ކިލާޅީ" ގެ ސީޒަން 7 ގައި ވެސް ވާދަކޮށްފައިވެ އެވެ.