Last Updated: July 27, 15:08
Saturday, July 27, 2024
މުނިފޫހިފިލުވުން

ރިޝްމީގެ "ޔާރާ" އަންނަ މަހު

ކުރިން ވެސް މަގުބޫލު އުފެއްދުންތަކެއް ގެނެސްދީފައިވާ ބަތަލާ އައިޝަތު ރިޝްމީ ޑައިރެކްޓްކޮށް، މުހިއްމު ރޯލެއް ވެސް ކުޅެފައިވާ ވެބް ސީރީޒް "ޔާރާ" އަންނަ މަހު ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވާން ފަށައިފި އެވެ.

ބައިސްކޯފަށް ގެންނަން ނިންމާފައިވާ މި ސީރީޒްގެ ޓީޒާއެއް ވެސް މިދިޔަ އަހަރު ކުރީކޮޅު ދައްކާލި އެވެ. އޭގެ ފަހުން ސޯޝަލް މީޑިއާގައި ތަފާތު ގޮތްގޮތަށް "ޔާރާ" ޕްރޮމޯޓްކުރަމުން ގޮސްފައިވެ އެވެ. އެގޮތުން މިހާރު ވަނީ މީގެ މުހިއްމު ކާސްޓުންތަކެއްގެ ފަސްޓްލުކް އެ މީހުންގެ ކެރެކްޓާތަކަށް ކިޔާ ނަންތަކާ ވެސް އެކީ ދައްކާލައިފަ އެވެ.

"ޔާރާ" ގެ ކާސްޓްގައި ރިޝްމީގެ ކޮއްކޮ މަޝްހޫރު ބަތަލާ މަރިޔަމް އައްޒަ އާއި އައްޒަގެ މިހާރުގެ ފިރިމީހާ އަބްދުﷲ މުއާޒް (މުއާ) އާއި އައްޒަގެ ކުރީގެ ފިރިމީހާ އިސްމާއީލް ޖުމައިހް (ޖުމާ) ގެ އިތުރުން ރިޝްމީ އާއި އައްޒަގެ މަންމަ އައިޝަތު ރަޝީދާގެ އިތުރުން ބޮޑު ކާސްޓެއް ހިމެނެ އެވެ.

އޭގެ ތެރޭގައި ރިޝްމީގެ ކުރީގެ ފިރިމީހާ އަހުމަދު އަޒުމީލާއި ނުޒުހަތު ޝުއައިބް (ނުޒޫ) އާއި ޝާރިފު އަހުމަދާއި އައިމިނަތު ރިޝްފާ އާއި ނަތާޝާ ޖަލީލާ، ލަވަކިޔުންތެރިޔާ ލަމްހާ ލަތީފާއި އަހުމަދު އާސިމާއި ފާތުމަތު ޝަރާ ފަދަ ތަރިން ހިމެނެ އެވެ.

އަންނަ މަހު "ޔާރާ" ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވި ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

ރިޝްމީ އަކީ އޭނަގެ ކުރީގެ ފިރިމީހާ އެކްޓަރު ރަވީ ފާރޫގް ޑައިރެޓްކޮށް ބައިސްކޯފުން ގެނެސްދިން މަގުބޫލު ސީރީޒް "އެހެނަސް" ގެ ވެސް ޕްރޮޑިއުސަރެވެ. ރިޝްމީ އެންމެ ފަހުން ޑައިރެކްޓްކުރި ފީޗާ ފިލްމަކީ ފާތުމަތު ނަހުލާ ޕްރޮޑިއުސްކުރި 2017 ގެ "ބޮސް" އެވެ.