Last Updated: April 23, 13:19
Tuesday, April 23, 2024
ޚަބަރު

އައްޑޫ ގޯތި ކޮމިޓީގެ މަސައްކަތް މި މަހު ފަށަނީ

އައްޑޫ ސިޓީ ކައުންސިލް އިދާރާ. ފޮޓޯ/ އަލީ ނާސިރު

އައްޑޫ ގޯތި ކޮމިޓީ އަންނަ ހަފުތާގެ ތެރޭގައި އެކުލަވާލައި މި މަހުގެ ތެރޭގައި އޭގެ މަސައްކަތް ފަށާނެ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ގޯތި ކޮމިޓީ އަކީ ދާދި ފަހުން އައްޑޫގެ ހަތަރު އަވަށަކުން ދޫކުރަން އިއުލާންކުރި 1،000 ގޯއްޗަށް ކުރިމަތިލި މީހުންގެ ފޯމްތައް އިވެލުއޭޓްކުރަން އެކުލަވައިލާ ކޮމިޓީއެކެވެ. ކޮމިޓީ އަށް ގޯތި ދޭން ނިންމި ހަތަރު އަވަށް ކަމަށްވާ ހިތަދު އާއި ފޭދު އާއި ހުޅުދޫގެ އިތުރުން މީދޫން ރައްޔިތުން ތަމްސީލުރާ މެމްބަރުން ހޯދުމަށް މި މަހުގެ ކުރީކޮޅު ހުޅުވާލި އެވެ. އަދި އެކަމަށް ދިން ސުންގަޑި ހަމަވީ މި މަހުގެ 13 ގަ އެވެ.

ކައުންސިލުން ބުނެފައި ވަނީ ފޯމްތައް އިވެލުއޭޓްކުރާނީ މިނިވަން މުސްތަގިއްލު ކޮމިޓީއަކުން ކަމަށާއި އެ ކޮމިޓީގައި ހަތަރު އަވަށުން ވެސް ރައްޔިތުން ތަމްސީލުކުރާ މެމްބަރަކު ހުންނާނެ ކަމަށެވެ.

ނިޒާރު މިއަދު ވިދާޅުވީ ފެށޭ ހަފުތާގެ ތެރޭގައި ކޮމިޓީ އެކުލެވާލެވޭނެ ކަމަށެވެ.

"އަދި މި މަހުގެ ތެރޭގައި އޭގެ މަސައްކަތް ފެށޭނެ. ފޯމްތައް އިވެލުއޭޓްކުރަން ފުދޭ ވަރަކަށް ވަގުތު ނަގާނެ. އެހެންވީމަ ގޯތި ހަވާލުކުރަން ފެށޭވަރު ވާނީ ކިހާ ތާކު ކަމެއް ބުނާކަށް އަދި ނޭނގޭ." އޭނަ ވިދާޅުވި އެވެ.

އެއްހާސް ގޯއްޗަށް ހުޅުވައިލުމުން 4،096 ފޯމް ހުށަހަޅާފައިވެ އެވެ. ހިތަދޫން 500 ގޯއްޗަށް ހުޅުވާލި އިރު، ފޭދޫން 300 ގޯއްޗަށް ހުޅުވާލި އެވެ. އެއީ 1،500 އަކަފޫޓްގެ ގޯއްޗެވެ. ހުޅުދު އާއި މީދޫން ޖުމްލަ 200 ގޯއްޗަށް ހުޅުވާލި އެވެ. އެއީ 2،000 އަކަފޫޓްގެ ގޯއްޗެވެ.