Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ރައީސް އޮފީހުގެ މިނިސްޓަރުކަން އިބުރޭ އަށް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަގާމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސާން އިބްރާހިމް ވަހީދު (މަދަނަ އިބްރޭ) އައްޔަންކުރައްވައިފި އެވެ.

އިބުރޭ އަށް މަގާމުގެ ފަތްކޮޅު އަރުއްވާފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ރައީސް އޮފީހުގެ މިނިސްޓަރުކަން އިބުރޭ އަށް ދީފައި މިވަނީ އެ މަގާމުގައި ހުންނެވި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) އެ މަގާމުން މިއަދު ވަކިކުރުމަށްފަހު އެވެ.

ޝިފާޒަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބިއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު އުފައްދާފައިވާ "ފިކުރެއްގެ ދިރުން" ފެކްޝަންގައި އިސްކޮށް އުޅުއްވާ ފަރާތެކެވެ.

ޝިފާޒުގެ އިތުރުން އެ ފެކްޝަނުގައި އުޅުއްވާ އެސްޓީއޯގެ އެމްޑީގެ މަގާމުގައި ހުންނެވި ހުސައިން އަމްރު ވެސް ދާދިފަހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނުން ރިޔާސީ އިންތިހާބުގައި ތާއީދު ކުރާނެ ކަމަށް މިހާރު ބެލެވިފައިވަނީ ޖޭޕީގެ ފަރާތުން ނެރޭ ރިޔާސީ ކެންޑިޑޭޓަކަށެވެ. ޖޭޕީން ރިޔާސީ ޕްރައިމަރީ އަށް ހުޅުވާލާފައިވާއިރު ނަޝީދުގެ ފެކްޝަނުން ދާދިފަހުން ވަނީ ޖޭޕީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފަ އެވެ.

އެ މަޝްވަރާ ބައްދަލުވުމުގައި ވަނީ ދެ ފަރާތުން އެކުގައި މަސައްކަތް ކުރުމަށާއި އަދި މެނިފެސްޓޯއެއް ތައްޔާރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.