Last Updated: April 27, 08:54
Saturday, April 27, 2024
ޚަބަރު

ސަރުކާރު ބަލިކަށިވެ ގޮތް ހުސްވަނީ: އީވާ

ސަރުކާރު ބަލިކަށިވެ ގޮތް ހުސްވާން ފަށާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އީވާ މިހެން ވިދާޅުވެފައިމިވަނީ ރައީސް އޮފީހުގެ މިނިސްޓަރު ކަމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) މިއަދު ވަކިކުރުމާ ގުޅިގެންނެވެ. ޝިފާޒު ވަކިކުރުމަށްފަހު އެ މަގާމަށް އައްޔަންކޮށްފައިވަނީ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސާން އިބްރާހިމް ވަހީދު (މަދަނަ އިބްރޭ) އެވެ.

އެކަމާ ގުޅިގެން އީވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ ނެގެހެއްޓުމަށް ނުހަނު ދައްޗާއި އަނިޔާގައި ޝިފާޒު ކުރެއްވި ގަދަފަދަ މަަސައްކަތް އަގުނުކުރެވޭނެ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު މަގާމުގައި ހުންނެވެނީ އެފަދަ އެތައް ބައެއްގެ ހިންމަތުންކަން ހަނދާން ނައްތާލައި، މަޤާމުން ވަކިކުކުރުމަކީ ވަރަށް ދެރަވަރު ކަމެއް ކަމަށް އީވާ ވިދާޅުވި އެވެ.

"ސަރުކާރު ބަލިކަށިވެ ގޮތް ހުސްވަނީ." އީވާ ވިދާޅުވި އެވެ.

ޝިފާޒަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބިއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު އުފައްދާފައިވާ "ފިކުރެއްގެ ދިރުން" ފެކްޝަންގައި އިސްކޮށް އުޅުއްވާ ފަރާތެކެވެ.

ޝިފާޒުގެ އިތުރުން އެ ފެކްޝަނުގައި އުޅުއްވާ އެސްޓީއޯގެ އެމްޑީގެ މަގާމުގައި ހުންނެވި ހުސައިން އަމްރު ވެސް ދާދިފަހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.