Last Updated: April 20, 17:52
Saturday, April 20, 2024
ޚަބަރު

ޝިފާޒާއި މެދު ކަންކުރީ އިހާނެތިކޮށް: ޝުޖާއު

ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު - ފޮޓޯ: އަވަސް

ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) އާއި މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަންތައް ކުރެއްވީ އިހާނެތިކޮށް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝިފާޒު ވަކިކުރުމަށްފަހު އެ މަގާމަށް އައްޔަންކޮށްފައިވަނީ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސާން އިބްރާހިމް ވަހީދު (މަދަނަ އިބްރޭ) އެވެ.

ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝިފާޒް އަކީ ރައީސް ސޯލިހް ވެެރިކަމަށް ގެނައުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށާއި ރައީސް ސޯލިހް މިހާ އިހާނެތިކޮށް ޝިފާޒް އާއި ދޭތެރޭ ކަންތައް ކުރައްވާނެ ކަމަށް ދުވަހަކު ވެސް ހީނުކުރައްވާ ކަމަށެވެ. އަދި ރައީސް ސޯލިހުގެ އަނިޔާވެރިކަން ހައްދުން މިހާރު ނެއްޓިފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"ޝިފާޒްގެ ސިޔާސީ މަސައްކަތްޕުޅަށް ކާމިޔާބަށް އެދެން. ނިމިގެން ދާއިރު ބަލިވާނީ ރައީސް ސޯލިހު. ކާމިޔާބު ކުރައްވާނީ ރައީސް ނަޝީދާއި ޝިފާޒު. ހިތްވަރު ކުރައްވާ، މިކަން އަޅުގަނޑުމެން އެބަ ނިންމަން." ޝުޖާއު ވިދާޅުވި އެވެ.

ޝިފާޒަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބިއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު އުފައްދާފައިވާ "ފިކުރެއްގެ ދިރުން" ފެކްޝަންގައި އިސްކޮށް އުޅުއްވާ ފަރާތެކެވެ.

ޝިފާޒުގެ އިތުރުން އެ ފެކްޝަނުގައި އުޅުއްވާ އެސްޓީއޯގެ އެމްޑީގެ މަގާމުގައި ހުންނެވި ހުސައިން އަމްރު ވެސް ދާދިފަހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނުން ރިޔާސީ އިންތިހާބުގައި ތާއީދު ކުރާނެ ކަމަށް މިހާރު ބެލެވިފައިވަނީ ޖޭޕީގެ ފަރާތުން ނެރޭ ރިޔާސީ ކެންޑިޑޭޓަކަށެވެ. ޖޭޕީން ރިޔާސީ ޕްރައިމަރީ އަށް ހުޅުވާލާފައިވާއިރު ނަޝީދުގެ ފެކްޝަނުން ދާދިފަހުން ވަނީ ޖޭޕީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފަ އެވެ.

އެ މަޝްވަރާ ބައްދަލުވުމުގައި ވަނީ ދެ ފަރާތުން އެކުގައި މަސައްކަތް ކުރުމަށާއި އަދި މެނިފެސްޓޯއެއް ތައްޔާރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.