Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

މި ސަރުކާރު ގެންނަން އެންމެ ބޮޑަށް ގުރުބާންވީ ޝިފާޒު

ނަޝީދާއި، ޝިފާޒު ޖަލްސާއެއްގައި - ފޮޓޯ: މިހާރު

މި ސަރުކާރު ގެންނަން އެންމެ ބޮޑަށް ގުރުބާންވީ ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމުން މިއަދު ވަކިކުރެއްވި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޝިފާޒު ވަކިކުރުމަށްފަހު އެ މަގާމަށް އައްޔަންކޮށްފައިވަނީ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސާން އިބްރާހިމް ވަހީދު (މަދަނަ އިބްރޭ) އެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަގާމުން ވަކިކުރެއްވި ނަމަވެސް ޝިފާޒު ކަންބޮޑު ނުވުމަށާއި ޝިފާޒަށް ވުރެ ބޮޑަށް މި ސަރުކާރު ގެނައުމަށް ގުރުބާންވި ވަކި އެހެން މީހަކު ނުހުންނާނެ ކަމަށެވެ. އަދި މުސްތަގުބަލު އޮތީ އުޖާލާކޮށް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ޝިފާޒަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބިއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ނަޝީދު އުފައްދާފައިވާ "ފިކުރެއްގެ ދިރުން" ފެކްޝަންގައި އިސްކޮށް އުޅުއްވާ ފަރާތެކެވެ.

ޝިފާޒުގެ އިތުރުން އެ ފެކްޝަނުގައި އުޅުއްވާ އެސްޓީއޯގެ އެމްޑީގެ މަގާމުގައި ހުންނެވި ހުސައިން އަމްރު ވެސް ދާދިފަހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނުން ރިޔާސީ އިންތިހާބުގައި ތާއީދު ކުރާނެ ކަމަށް މިހާރު ބެލެވިފައިވަނީ ޖޭޕީގެ ފަރާތުން ނެރޭ ރިޔާސީ ކެންޑިޑޭޓަކަށެވެ. ޖޭޕީން ރިޔާސީ ޕްރައިމަރީ އަށް ހުޅުވާލާފައިވާއިރު ނަޝީދުގެ ފެކްޝަނުން ދާދިފަހުން ވަނީ ޖޭޕީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފަ އެވެ.

އެ މަޝްވަރާ ބައްދަލުވުމުގައި ވަނީ ދެ ފަރާތުން އެކުގައި މަސައްކަތް ކުރުމަށާއި އަދި މެނިފެސްޓޯއެއް ތައްޔާރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.