Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ނަޝީދު އުޅުއްވަނީ ރަނގަޅު ގޮތް ހޯދައި ދޭން

އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު އުޅުއްވަނީ އެމްޑީޕީއަށް ރަނގަޅު ގޮތް ހޯދައިދޭން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވުމާ ގުޅިގެން ނަޝީދު މިހާރު ގެންދަވަނީ އެމްޑީޕީގެ ތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް ހިންގަވަމުންނެވެ. އެ ފެކްޝަނުން ރޭ ވަނީ އެމްޑީޕީގެ ނަމުގައި ޖޭޕީއާއެކު މަޝްވަރާ ދެވަނަ ބައްދަލުވުން ބާއްވާފަ އެވެ.

ކުނޫޒުގައި ބޭއްވި އެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ހަސަން ލަތީފު ވިދާޅުވީ ނަޝީދު މަސައްކަތް ކުރައްވަނީ އެމްޑީޕީ އަށް ރަނގަޅު ގޮތް ހޯދައިދީ އެމްޑީޕީ އަށް ބަސް ބުނެވޭނެ ވެރިކަމެއް ގެނައުމަށް ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ޖުމްހޫރީ ޕާޓީއާ އެކީގައި. ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހީމް ވާދަކުރައްވައިގެން، އެމްޑީޕީން ތާއިދުކުރުން އެއީ އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތްކަމަށް ވިސްނޭތީ. ދެން އުފެދޭ ސަރުކާރެއްގައި އެމްޑީޕީގެ ހިއްސާއެއް އޮވެގެން އެމްޑީޕީއަށް ބަސްބުނެވި އެމްޑީޕީގެ އަސާސްތައް ހިފެހެއްޓޭނެ ގޮތަކަށް ސަރުކާރު އޮތުން. އެއީ އެމްޑީޕީއަށް އެންމެ މުހިންމު ބޭނުންތެރި ކަމަކީ." ހަސަން ވިދާޅުވި އެވެ.

ނަޝީދަކީ އެމްޑީޕީގެ ރައީސް ކަމަށް ވާތީ އެެމްޑީޕީގެ ނަމުގައި އެހެން ޕާޓީތަކާއެކު މަޝްވަރާ ކުރެއްވޭނެ ކަމަށްވެސް ހަސަން ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީން ނިންމީ ކޯލިޝަން ހަދަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައުވަތު ދެއްވާފައިވަނިކޮށެވެ. ޖޭޕީން ވަނީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލާން ހުޅުވާލާފަ އެވެ. ޕްރައިމަރީ އަށް ކުރިމަތިލުމުގެ މުއްދަތު މިއަދަށް ހަމަވާނެ އެވެ.

ރިޔާސީ އިންތިހާބާ ގުޅޭގޮތުން ގާސިމް ދާދިފަހުން ވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއާރްއެމް އާއި ޖަމިއްޔަތުއްސަލަފް އާއި ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ.

ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.