Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

ހުރިހާ ކަމެއްގެ ހައްލު ގެނެވޭނެ ސިކުނޑި އޮތީ ގާސިމްގެ

ރާއްޖޭގެ ހުރިހާ ކަމެއްގެ ހައްލު ގެނެވޭނެ ސިކުނޑި އޮތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަތުގައި ކަމަށް ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖޭޕީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަޒްލީން ވިދާޅުވީ ޖޭޕީގެ މާލިމީ އަކީ ރާއްޖެ ވަރަށް ރަނގަޅަށް ދަންނަ ބޭފުޅެއް ކަމަށާއި އަދި އެއީ ރާއްޖޭގެ ސިޔާސީ ދަތުރުގައި މިވަގުތު ފެންނަން ހުރި އެންމެ ތަޖުރިބާކާރު ލީޑަރު ކަމަށެވެ. މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ގާސިމް ކުރިމަތިލައްވަން ޖޭޕީގެ ލީޑަޝިޕުން ބޭނުންވާ ކަމަށާއި ނަމަވެސް އެއީ ގާސިމްގެ އަމިއްލަ އިހުތިޔާރުގައި އޮތް ކަމެއް ކަމަށް ވިދާޅުވި އެވެ.

"މުޅި ޖޭޕީން އެދެނީ އެމަނިކުފާނު ކުރިމަތިލައްވަން. މިވަގުތު ރާއްޖެ އަށް ބޭނުންވާ ހަމަޖެހުމާއި، މިވަގުތު ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމަކަށް ހައްލު، ހުރިހާ މައްސަލަތަކަކަށް ހައްލު ގެނެސްދެވޭނެ ސިކުނޑިއެއް އޮތް ހަމައެކަނި ލީޑަރަކީ، ގެންގުޅުއްވާ ހަމައެކަނި ލީޑަރަކީ ގާސިމް އިބްރާހިމް." އަޒްލީން ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީން ނިންމީ ކޯލިޝަން ހަދަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައުވަތު ދެއްވާފައިވަނިކޮށެވެ. ޖޭޕީން ވަނީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލާން ހުޅުވާލާފަ އެވެ. ޕްރައިމަރީ އަށް ކުރިމަތިލުމުގެ މުއްދަތު މިއަދު މެންދުރު 12 އަށް ހަމަވާނެ އެވެ.

ރިޔާސީ އިންތިހާބާ ގުޅޭގޮތުން ގާސިމް ދާދިފަހުން ވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއާރްއެމް އާއި ޖަމިއްޔަތުއްސަލަފް އާއި ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ.

ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.