Last Updated: March 29, 09:42
Friday, March 29, 2024
ރިޕޯޓް

އައްޑޫ ހިއްކުން: ދެވަނަ ވެރިއަކު މިކަން ކުރާކަށް ނުޖެހޭނެ!

އައްޑޫސިޓީ އަކީ ބިމުގެ މައްސަލަ ކުރިމަތިވެފައިވާ ތަނެކެވެ. އައްޑޫގައި މިހާރު އޮތް އާބާދީއަށް ބޭނުންވާ ބިން ހަޤީޤަތުގައިވެސް ނެތެވެ. ބިން ހިއްކަން ބަލާއިރު އެކި ދުވަސްވަރު އެކި ވަރަކަށް މިމަސައްކަތް ކޮށްފައިވެއެވެ. އައްޑޫގެ ތަރީހުގައި ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިން ހިއްކުމުގެ ބޮޑު ދެ މަޝްރޫޢު ފާހަގަކޮށްލެވެއެވެ. އެއީ 2016 ވަނަ ރާއީސް ޔަމީން ވެރިކަމުގައި ކުރިއަށް ގެންދިޔަ ފޭދޫ ބިން ހިއްކުމުގެ މަޝްރޫޢުއާއި 1993 ވަނަ ރައީސް މައުމޫން ކުރިއަށް ގެންދެވި ހިތަދޫ ބިން ހިއްކުމުގެ މަޝްރޫޢުއެވެ.

އައްޑޫއަށް ބިމުގެ ދަތިކަން އޮތް މިންވަރު ސަރުކާރުތަކަށް އެނގޭ

އައްޑޫއާއި ގުޅޭ ގޮތުން މީގެ ކުރިން ލިޔެފައިވާ ޙަބަރުތަކަށް ބަލާއިރު އައްޑޫގެ ބިން ހިއްކަން ޖެހިފައިވާކަން ވަރަށް ބޮޑަށް ސާފުވެގެން ދެއެވެ. އެއީ ރައީސް މައުމޫން ވެރިކަމުގެ ދުވަސްވަރުން ފެށިގެން، ބިމުގެ ދަތިކަން އޮތް ވާހަކައާއި ބިން ހިއްކަން ބަޖެޓުގައި ހިމަނާ ވާހަކަ ފެންނަން ހުރުމެވެ. ބައެއް ފަހަރު ބިން ހިއްކަން ބަޖެޓް ކުރިއަސް ނުވެ އޮންނަނީއެވެ. އަނެއް ބައި ފަހަރު ބަޖެޓުގައި ނުވެސް ހިމެނެނީއެވެ.

މިކަމާއި ގުޅިގެން 2008 ވަނަ އަހަރު ޝާއިއު ކުރި ޙަބަރެއް ކިޔާލީމެވެ. އައްޑޫގެ ބިމުގެ ހާލަތު އޮތް ގޮތް ކިޔައި ދިނީ ރަށު އޮފީސް ތަކުންނެވެ. މިގޮތުން މަރަދޫ-ފޭދޫން އޭރު ދިރިއުޅުމަށް ބިން ދޫނުކުރާތާ 12 އަހަރު ވެފައިވާ ކަމަށް ވެއެވެ. ފޭދޫއިން 15 އަހަރު ވެފައިވާ ކަމަށާއި، ވެރިކަން ކުރާ ރަށް ހިތަދޫއިން އެންމެ ފަހުން ބިން ދޫކުރީ 2002 ވަނަ އަހަރު ކަމަށް އޮތެވެ. ދެން އޮތީ ސަރުކާރުގެ އޭރުގެ އަމާޒަކީ ގުޅިފައިވާ މި ހަތަރު ރަށުން 170 ހެކްޓަރު ހިއްކުމެވެ.

މަރަދޫ ބޮޑުމަގު.

މިއީ 2008 ވަނަ އަހަރު ބިން ހިއްކުމަށް ސަރުކާރުގެ އާމާޒު ހުރި ގޮތެވެ. މިއިން ކަމެއް ނުކުރެވި އޮވެ، އެންމެ ފަހުން އެކަމަށްވެސް ވާނެ އެއްޗެއް ވީއެވެ. ދިޔައީއެވެ. ދެން އައި ޕީޕީއެމް ވެރިކަމެވެ. އެ ވެރިކަމުގައި 2016 ވަނަ އަހަރު ފޭދޫ ބިން ހިއްކަން ނިންމައި އެކަން ކުރިއެވެ. ފޭދޫ ބިން ފޭދޫއަށް ވުރެ ދެގުނަ އިތުރުވިއެއެވެ. ފޭދޫ ރައްޔިތުންނަށް މި ބިމުގެ އުފަލެއް ލިބެން އޮތީ އަދި ކިރިޔާއެވެ. އެއީ ފޭދޫ ލޭންޑް ޔޫޒް ޕްލޭން ހެދި އެންމެ ފަހުން ފޭދޫއިން 300 ގޯތި ދިނުމަށް އިއުލާން ކުރުމެވެ.

ފޭދޫ މަތިން ފެންނަ ގޮތް: ފޮޓޯ: އަހުމަދު އާއިޝް ނަސީރު/އައްޑޫ ލައިވް

ބިން ބޭނުންވާ މިންވަރު ގޯއްޗަށް އެދޭ އަދަދުން އެނގޭ

ބިން ހިއްކުމާއި ގުޅޭގޮތުން ތަފާތު ޙިޔާލުތަކެއް އެބަހުއްޓެވެ. ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ސަރުކާރުން މިހާރު ކުރިއަށް ގެންދާ މަޝްރޫޢުއަކީ ވެށި ހަލާ ކުރުމަށް އެޅޭ ފިޔަވަޅެކެވެ. އަދި މިނޫން ގޮތެއް ހޯދުމަށް އެ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. ހަޤީޤަތުގައި ބިމުގެ މައްސަލައަށް ގެންނާނެ ހައްލެއް އެފަރާތްތަކުން ވެސް ނުދައްކައެވެ. ހަމަ އެކަނި އެކަން ކުރުމުން ގެއްލުންވާނެ ވާހަކަ ދައްކާލައިގެން ނުފުދެއެވެ. އެތަށް ބަޔަކު ބިމަށް އެދި އެދި ތިއްބާ ރައްޔިތުންނަށް އެ ފުރުސަތު މަޙްރޫމް ކުރުމަކީ އޭގެ އެންމެ ރަނގަޅު ހައްލަށް ނުވެދާނެއެވެ.

އައްޑޫއިން އެންމެ ފަހުން މިއަހަރު 1000 ގޯތި ދޫ ކުރުމަށް ހުޅުވާލިއެވެ. އެއީ ހިތަދޫއިން އެންމެ ފަހުން ގޯތި ދޫކުރިތާ 20 އަހަރު ފަހުންނެވެ. ފޭދޫއިން ދޫކުރިތާ 25 އަހަރު ފަހުންނެވެ. ހުޅުމީދޫން ގޯތި އެންމެ ފަހުން ގޯތި ދޫކުރިތާ 15 އަހަރު ފަހެވެ. މަރަދޫ-ފޭދޫ ނަމަ އެވަނީ 26 އަހަރެވެ. އެހެންވީމަ ލައްކަ ޒަމާން ވެއްޖެތާއެވެ. މިފަހަރު ހުޅުވާލި ފުރުސަތުގައި ހަމައެކަނި އެ 1000 ގޯއްޗަށް 4000 މީހުން ކުރިމަތި ލިއެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާ: ފޮޓޯ/ އަލީ ނާސިރު

އައްޑޫއަށް ދިމާވެފައިވާ ބިމުގެ މައްސަލައަށް ހައްލު ހޯދައިދޭން ޖެހިފައިވާކަން މިވަރުން ސާފު ވާނެއެވެ. ހިތަދޫއިން މިހާރު ދޭ ގޯއްޗަކީވެސް ޗަސްބިމަށް ވެލި އަޅައި ބަރައިގެން ދޫކުރާ ގޯތި ތަކެވެ. ޗަސް ބިން ބަރާލައިގެން އެހެން ދޫކުރާއިރު ވިއްސާރަ މޫސުމެއްގައި ބޮޑު ގެއްލުމެއް ލިބުމުގެ ފުރުސަތު ބޮޑެވެ. އެހެން ކަމުން މިއީ ހަމަ އެންމެ އެދެވޭ ހައްލަކަށް ނުވާނެއެވެ.

މި ސަރުކާރުގެ 190 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢު

މިސަރުކާރުން މިވަނީ ރައްޔިތުންގެ އަޑު އަހާފައެވެ. އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫޢު ގެންނަނީ ރައްޔިތުންނާއި އައްޑޫގެ ތަރައްޤީއާއި މެދުވެސް ވިސްނާފައެވެ. ރިސޯޓު ތަރައްޤީ ކުރަން 3 ރަށް މިމަޝްރޫޢުުގެ ތެރެއިން އެބަ ހިއްކައެވެ. ހުޅުމީދޫ ކައިރީ 1 ރިސޯޓު، ހިތަދޫ ފަޅު ތެރޭ އެއް ރިސޯޓު އެބަ ހިއްކައެވެ. މިއިން ކޮންމެ ރިސޯޓެއްގެ ބޮޑު މިނުގައި 8.3 ހެކްޓަރު ހުރެއެވެ.

ހިތަދޫ ދެ ޒޯނަކަށް ބަހައިގެން 90 ހެކްޓަރު އެބަ ހިއްކައެވެ.މިއީ ހިތަދޫ ރައްޔިތުންގެ ބޭނުމަށް ފަޅު ތެރެއިން ހިއްކާ ސަރަހައްދެވެ. މީގެ އިތުރަށް ލިންކް ރޯޑަށް ކުރިމަގުގައި ގެންނަ ބަދަލުތަކަށް ޖާގަ ދިނުމާއި މިހާރު އޮތް މަގު ހިމާޔަތް ކުރަން 3.3 ހެކްޓަރު ހިތަދޫގައި އެބަ ހިއްކައެވެ. މިއީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މައިގަނޑު ބޭނުމުގައި ހިއްކާ ސަރަހައްދެކެވެ. މަރަދޫ އަދި މަރަދޫ ފޭދޫ ހުޅަނގުން 76 ހެކްޓަރު ބިން ހިއްކަން ވަނީ ނިންމާފައެވެ. މިއީ މިހާރުވެސް ޖާގައެއް އެއްވެސް ގޮތަކަށް ނެތް މި ދެއަވަށަށް އިތުރު ކުރެވޭ އެ ދެ އަވަށް ވަރުގެ ޖާގައެވެ. އެ ދެ އަވަށް އެއްކޮށް މިހާރު ހަމަވަނީ ކިރިޔާ 90 ހެކްޓަރެވެ.

މިހާރު ޕްރޮޖެކްޓުގައި ކުރިއަށް ދަނީ ބަންޑު ވޯލް ޖެހުމުގެ މަސައްކަތެވެ މިމަސައްކަތުގެ ބޮޑު ބައި މިހާރުވެސް ނިމިފައިވާއިރު، ދެ ރިސޯޓުގެ ތެރެއިން އެއް ރިސޯޓު ބަންޑް ވޯލް މިހާރު ވަނީ ނިންމާފައެވެ. އަނެއް ކޮޅު ހިތަދޫގައި ހިއްކަން އޮތް ސަރަހައްދުގެ ބަނޑްވޯލް ޖެހުމުގެ މަސައްކަތްވެސް ވަނީ ފެށިފައެވެ.

މިހުރިހާ މަސައްކަތެއްގެ ބޮޑުބައި ނިމި، ޖޫން މަހު ހިއްކަން ފަށާނެއެވެ. ހިއްކުމުގެ މަސައްކަތަށް މިހާރު ބޭނުންވާ ޕައިޕްލައިން އެޅުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: ރައީސް އޮފީސް

އައްޑޫސިޓީ ކައުންސިލުން ދެކޭ ގޮތުގައި މިއީ ކުރިއަށް އޮތް 50 އަހަރަށް އައްޑޫގެ ބިމުގެ މައްސަލައަށް ލިބޭނެ ހައްލެކެވެ. އެހެން ކަމުން އައްޑޫ ރައްޔިތުން ބިން ހިއްކައި ދޭން އެހެން ސަރުކާރެއްގައި ދަންނަވަން ޖެހޭނެ ހެނެއް ހީއްޔެ ނުވެއެވެ. ރައީސް ސާލިހް އެ ފުރުސަތު އެހެން ވެރިއަކަށް ނުދެއްވައެވެ.