Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

އަލިރަސްގެފާނު ޒިޔާރަތް ބެލެހެއްޓުން ފެން ކުންފުންޏަށް

އަލިރަސްގެފާނު ޒިޔާރަތް އާބާތުރަފިލުވާ ބެލެހެއްޓުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒާއި މާލެ ވޯޓާ އެންޑް ސުވަރޭޖް ކަމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ، މިއަދު އެމް.ޑަބްލިޔު.އެސް.ސީ ބޭއްވި ރަސްމިއްޔާތުގައި، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ފަރާތުން މަރުކަޒުގެ އިސްވެރިޔާ އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މުޙައްމަދު ތާރިޤް އާއި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރު އަލްފާޟިލް ހަސަން ޝާޙް އެވެ.

މި ފަހުމުނާމާގެ ދަށުން، އަލިރަސްގެފާނު ޒިޔާރަތް އާބާތުރަ ފިލުވައި ދެމެހެއްޓެނެވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި، ޒިޔާރަތުގެ ފާރުތަކާއި، ގޭޓުގައި ކުލަ އާއި ދަވާދުލާ، ދިދަ ދަނޑި މަރާމާތުކޮށް، ސަރވޭލަންސް ކެމެރާ ހަރުކޮށް އަދި އެތަން ޒީނަތްތެރިކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެއް އަހަރު ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދިޔުމަށް ރޭވިފައިވާ މި މަސައްކަތްތަކަކީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު ގެ ޚާއްސަ ލަފައާއި އިރުޝާދާއި އެކު، އެމް.ޑަބްލިޔު.އެސް.ސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރިޔައްގެންދާ މަސައްކަތްތަކެކެވެ.

އަލި ރަސްގެފާނު ޒިޔާރަތް ފަދަ ރާއްޖޭގެ މުއްސަނދި ސަޤާފީ ތަރިކަ ފެންނަށް ހުރި ބިނާތައް، ރަނގަޅު ގޮތެއްގައި ބެލެހެއްޓުމަކީ އިހުގެ ސަޤާފަތް އަންނައޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެ އެވެ.