Last Updated: June 9, 07:00
Friday, June 9, 2023
މީހުން

56 އަހަރުގައި ފަޔާ ފައިޓަރަކަށް

އުމުރުން 50 އިން މައްޗަށް އެޅުމުން ގިނަ ފަހަރަށް އޮންނަނީ ރިޓަޔާކުރަން ޖެހުމެވެ. އެކަމަކު އިނގިރޭސިވިލާތުގެ މި މީހާ އަށް އެ ހިސާބަކުން އަދި ނުނިމެ އެވެ. މިއީ އުމުރުން 56 އަހަރުގެ މައިކަލް ރިމާ އެވެ. ކުރިން އޭނަ އަކީ ރޯޔަލް އެއާ ފޯސް (އާރްއޭއެފް) ގެ އިންޖިނިއަރެކެވެ.

އެތަނުގެ 31 އަހަރުގެ އެ މަސައްކަތަށް ފަހު މައިކަލްގެ ކުރިމަގު މި ބައްޓަންކުރަނީ ފަޔާ ފައިޓަރެއްގެ ގޮތުގަ އެވެ. އޭނަ ދެން ފެންނާނީ އަލިފާނުގެ ހާދިސާތައް ހިނގާ ހާލަތްތަކުގައި އަލިފާން ނިއްވުމުގެ މަސައްކަތުގަ އެވެ. ފަޔާފައިޓަރެއްގެ ގޮތުގައި މައިކަލް ނުކުތީ ސްކޮޓިޝް ފަޔާ އެންޑް ރެސްކިއު ސާވިސް (އެސްއެފްއާރްއެސް) އިން ހިންގި 12 ހަފުތާގެ ޓްރެއިން ޕްރޮގްރާމަކަށް ފަހު އެވެ. އޭގައި 92 މީހަކު ބައިވެރިވެ، ކޯސް ފުރިހަމަކުރި އެވެ.

އާ ކެރިއަރާ ބެހޭ ގޮތުން މައިކަލް ބުނީ "އަހަރެން މުސްކުޅިވެގެން މަސައްކަތުން ރިޓަޔާކޮށްފައި ގެއަށް ވަންނަން ޖެހޭ ވަގުތު އަދި ނާންނަ" ކަމަށެވެ.

"އުމުރަކީ ހަމަ ނަމްބަރެއް،" ވަރަށް ފިޓްކޮށް އަދި ރަނގަޅު ސިއްހަތެއްގައި ހުރި މައިކަލް ބުންޏެވެ. "އެއްވެސް ކަމެއް ކުރާކަށް ވަކި އުމުރެއް ނެތް."

އޭނަ ބުނި ގޮތުގައި ފަޔާފައިޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ނެގި ޗެލެންޖެކެވެ. އެހެންވެ އެ މަސައްކަތުގައި ސާބިތުވެ ހުންނާނެ އެވެ.

"ހިތަށް އަރާ ތަންކޮޅެއް ކުރިން މިކަމުގެ ތެރެއަށް ނުކުމެވުނު ނަމައޭ،" މިހާރު އެބަޑީން ސެންޓްރަލް ފަޔާ ސްޓޭޝަންގެ ގްރީން ވޮޗާ އެކީ މަސައްކަތް ކުރަމުން އަންނަ މައިކަލް ބުންޏެވެ. "މިހާރު މަސައްކަތް ކުރަން މި ޖެހެނީ އަހަރެންގެ އުމުރަށް ވުރެ ދެގުނަ ހަގު ޒުވާނުންނާ އެކީ. އެކަމަކު މިއީ ވަރަށް އެކުވެރި ސަޕޯޓިވް ޓީމެއް. ވަރަށް ހިތްހަމަޖެހިގެން މި ހުރީ. އަހަންނަކީ މި ޓީމްގެ ބައްޕަގެ ގޮތަށް އިހުސާސް ކުރެވެނީ."

ދުވަސްވީ މީހުންނަށް މައިކަލް ދޭން އޮތް ނަސޭހަތަކީ މިއެވެ؛ ވަޒީފާއަކުން ރިޓަޔާކުރަން ޖެހުނަސް އެ ހިސާބުން ނިންމައި ނުލާށޭ އެވެ. ފިޓްކޮށް އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރި ނަމަ ހަމަ ކޮންމެވެސް ކަހަލަ މަސައްކަތެއްކޮށްގެން ވެސް އާމްދަނީ ހޯދަންވީ އެވެ.