Last Updated: July 27, 10:14
Saturday, July 27, 2024
މީހުން

ގަޑިއަކުން 3،206 ޕުޝް އަޕްސް، ރެކޯޑެއް

ގަޑިއެއްގެ ތެރޭގައި އެންމެ ގިނަ ޕުޝް އަޕްސް ހަދައިގެން އެންމެ ފަހުން އޮސްޓްރޭލިއާ މީހަކު ހަދާފައި އޮތް ރެކޯޑެއް އެ ގައުމުގެ އެހެން މީހަކު މުގުރާލައިފި އެވެ.

މި ފަހަރު ރެކޯޑް މުގުރައިލީ މިދިޔަ ހަފުތާގެ ތެރޭގައި ގަޑިއެއްގެ ތެރޭގައި 3،206 ޕުޝް އަޕްސް ހެދި ބްރިސްބޭން އަށް އުފަން ލޫކަސް ހެމްކީ، 33، އެވެ. ކުރިން އެ ރެކޯޑް އޮތް އޮސްޓްރޭލިއާގެ މީހަކީ މިދިޔަ އަހަރުގެ ތެރޭގައި ގަޑިއެއްގެ ތެރޭގައި 3182 ޕުޝް އަޕްސް ހެދި ޑެނިއަލް ސްކާލީ އެވެ.

އޭނަގެ ރެކޯޑް ފަހަތަށް ސޮއްސުވާލައި ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދި ލޫކަސް ބުނި ގޮތުގައި މިކަން ކުރަން ބޭނުންވީ ކޮންމެ ކަމެއް ވެސް ވެދާނެކަން ކުޑަ ފިރިހެން ދަރިފުޅަށް ސާބިތުކޮށް ދިނުމުގެ ގޮތުންނެވެ. އަދި އޭނަ ހެދި ރެކޯޑާ އެކީ އާއިލާ އަށް ބޮޑު އުފާވެރި ކަމެއް ލިބިފައިވާ ކަމަށް ލޫކަސް ބުންޏެވެ.

މި ރެކޯޑް ހެދުމުގެ ކުރިން ވެސް ލޫކަސް އަކީ ފިޓްކޮށް ހުންނަން އަބަދު ވެސް ވަރަށް ބޮޑަށް މަސައްކަތްކުރާ ކަސްރަތަށް ލޯބިކުރާ މީހެކެވެ. އޭނަގެ އަމިއްލަ ޖިމެއް ވެސް "އަޔަން އަންޑަގްރައުންޑް" ގެ ނަމުގައި ހިންގަ އެވެ. އެއީ 2010 އިން ފެށިގެންނެވެ. ލޫކަސްގެ ރެކޯޑް ހެދީ ވެސް އެ ޖިމްގަ އެވެ.

ގަޑިއެއްގެ ތެރޭގައި އެންމެ ގިނަ ޕުޝް އަޕްސް ހެދި މީހާގެ ރެކޯޑް ގިނިސް ވޯލްޑް ރެކޯޑުން ލޫކަސް އަށް ކަށަވަރުކޮށް ދިނީ އޭނަގެ މަސައްކަތް ވަރަށް ގާތުން ބަލައި މޮނިޓަކުރުމަށް ފަހު އެވެ. އެގޮތުން އެންމެ ބޮޑު ގޮންޖެހުމަކަށްވީ ފުރިހަމަ ޕުޝް އަޕަކަށްވާ ގޮތަށް ކޮންމެ ހަރަކާތެއް ވެސް ކުރަން ވަރަށް ބޮޑަށް މަސައްކަތްކުރަން ޖެހުމެވެ. އެހެންވެ ރެކޯޑް ހަދަން ކުރި މަސައްކަތުގެ ތެރޭގައި ލޫކަސް ހެދި ޕުޝް އަޕްގެ ތެރެއިން 34 ޕުޝް އަޕެއް މިންގަނޑަށް ނުފެތޭތީ ކައުންޓެއް ނުކުރެ އެވެ.

އޭނަ 3،206 ޕުޝް އަޕްސް ހަދައިގެން ރެކޯޑް ކަށަވަރުކުރި އިރު، އެއީ ކޮންމެ 30 ސިކުންތަކަށް އެވްރެޖްކޮށް 26.7 ޕުޝް އަޕްސް އެވެ.

މި ރެކޯޑަކީ ވަރަށް އަވަސް އަވަހަށް މުގުރައިލާ ރެކޯޑަކަށްވާތީ ލޫކަސްގެ ރެކޯޑް ދެމިއޮންނާނީ ކިހާ ދުވަހަކަށް ކަމެއް ނޭނގެ އެވެ. އެކަމަކު މި ވަގުތަށް އޭނަ ކުރި ހިތްވަރަށް ހަމަ ސާބަހާއި އައްސަރިބަހެވެ.

ފާހަގަކޮށްލެވޭ ކަމަކީ 2018 އިން ފެށިގެން މި ރެކޯޑް އޮންނަނީ އޮސްޓްރޭލިއާ މީހެއްގެ އަތުގައި ކަމެވެ.