Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ހެރިޓޭޖުގެ ސިޔާސީ މަގާމުތަކުގައި ތިބީ ތައުލީމީ ބޭފުޅުން

މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން އަދި ރައީސް ސާލިހް / ފޮޓޯ: ރައީސް އޮފީސް

މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ދަށުން މަސައްކަތް ކުރައްވާ ސިޔާސީ މަޤާމުތަކުގައި ތިބި ފަރާތްތަކަކީ އެ މަޤާމުތަކަށް ބޭނުންވާ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކެއް ކަމަށް އެމިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން މިގޮތަށް ބުނެފައިވަނީ އެ މިނިސްޓްރީގެ ދަށުން 31 ސިޔާސީ މުވައްޒަފުން ތިބި ކަމަށް "ދިޔަރެސް" ނޫހުގައި ލިޔެފައިވާ ޙަބަރާއި ގުޅިގެންނެވެ. އެމިނިސްޓްރީން ވަނީ އެ ޙަބަރުގައި ހެޑްލައިން ނަގާފައިވަނީ ހަގީގަތް އޮޅޭ ގޮތަށް ކަމަށެވެ.

މިދާއިރާގައި މިނިސްޓްރީގެ އިތުރަށް 6 އިދާރާއެއް ހިމެނޭ ކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ. އެގޮތުން ދިވެހި ބަހުގެ އެކަޑަމީ، ޤައުމީ އަރުޝީފް، އެންސީއޭ، ސަޤާފީ ތަރިކަ ރައްކާތެރި ކުރުމާއި ބެހޭ ޤައުމީ މަރުކަޒު، ޤައުމީ ކުތުބުޙާނާ، ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން ހިމެނޭ ކަމަށް މައުލޫމާތު ދިނެވެ. މީގެ އިތުރުން މިތަންތަނުގެ ދަށުން އިތުރު 6 ތަނެއް ހިންގާކަން ވަނީ ފާހަގަކޮށްފައެވެ. އެއީ

– ޤައުމީ ދާރުލްއާސާރު
– ހުވަދޫ ރީޖަނަލް މިއުޒިއަމް
– ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު
– ޗިލްރަންސް މަލްޓިމީޑިއާ ލައިބްރަރީ
– އޮލިމްޕަސް
– ނޭޝަނަލް އާޓް ގެލެރީ އެވެ.

މިއާއެކު މިނިސްޓްރީ ހިމަނައިގެން 13 ތަނެއް ހިމެނޭއިރު، ސިޔާސީ މުވައްޒަފުން މަސައްކަތް ކުރަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި 13 ތަނުގައި ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މިތަންތަނުގައި މަސައްކަތް ކުރާ ސިޔާސީ މަޤާމުތަކުގައި ތިބީ ޢަމަލީގޮތުން މަސައްކަތުގައި އިސްކޮށް އުޅޭ އެ ދާއިރާތަކުގެ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތައް ކަމަށް ކަލްޗަރ މިނިސްޓްރީން ބުނެއެވެ.

އެމިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިނިސްޓަރ ނުލާ 30 ސިޔާސީ ފަރާތް މިނިސްޓްރީގައި މަސައްކަތް ކުރެއެވެ. އެއީ 5 މުޝީރުންނާއި އެއް ސްޓޭޓް މިނިސްޓަރ، 4 ޑެޕިއުޓީ މިނިސްޓަރ، 17 ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރ، 1 ޑިރެކްޓަރ އަދި 2 ރިސާޗް އެނަލިސްޓުންނެވެ.

އެންމެ ފަހުން އެ މިނިސްޓްރީގެ ސިޔާސީ މަޤާމަކަށް އައްޔަން ކޮށްފައިވަނީ މިނިސްޓްރީގެ ދަށުން އައްޑޫގެ ފަންނާއި ސަޤާފީ އަދި ތަރިކައިގެ ދާއިރާގެ މަސައްކަތައް ބެލެހެއްޓުމަށް ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މަޤާމަށް ކުރީގެ ފޭދޫ ކައުންސިލަރ އަލީ ފަހުމީ އަހުމަދެވެ.