Last Updated: June 9, 07:00
Friday, June 9, 2023
ޚަބަރު

ދެ ކުދިންނާއެކު ހިތްދަތިކޮށް، މި މަންމަ އެދެނީ އެހީއަކަށް!

މަމްސް އެއިޑް ގެ "ހޯޕް ފޯ މަމްސް ކެމްޕެއިން" ގެ ދަށުން، މިއަހަރުވެސް ޢާއިލާ އަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ފަންޑުރައިޒް ޕްރޮޖެކްޓެއް ފަށައިފި އެވެ.

މަމްސް އެއިޑުން ބުނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މިފަހަރު ހޮވިފައިވަނީ ދެކުދިންއާއެކު، ވަރަށް ހިތްދަތި ދިރިއުޅުމެއް އުޅެމުންދާ އެކަނިވެރި މަޔެއް ކަމަށްވާ ރީނާ (އަސްލު ނަމެއްނޫން) ކަމަށެވެ.

މަމްސް އެއިޑް އިން ކޮންމެ ފަހަރަކުވެސް އާއިލާ ހޮވުމުގައި އެންމެ ބޮޑަށް އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި، އެތައް އަހަރުތަކެއް ވަންދެން މާލީގޮތުން ދަތިހާލުގައި ދިރިއުޅޭ ފަރާތަކަށް ވުމާއެކު، ބޯހިޔާ ވެހިކަމެއް ނެތް އާއިލާއަކަށް ވުމާއި، އަދި ގެވެށި އަނިޔާ ތަހަންމަލު ކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތަކަށް ވުން ހިމެނެ އެވެ.

މަމްސް އެއިޑުން ބުނީ ރީނާ އަކީވެސް މި ކަންތައްތައް ދިރިއުޅުމުގައި ވަރަށް ބޮޑަށް ތަހައްމަލް ކުރަމުން އަންނަ ވަރަށްވެސް ހިތްވަރުގަދަ އަންހެނެއް ކަމަށެވެ.

މަމްސް އެއިޑުން ވަނީ ރީނާ ދިރިއުޅެމުންދާ ރަށުގެ ކައުންސިލް ބޭފުޅުންނާއި ބައްދަލުކޮށް ރީނާއާއި ދެކުދިންގެ ދިރިއުޅުމުގެ ކަންކަން ރަނގަޅު ކުރެވޭނެ ގޮތެއް ބެލުމަށް މަޝްވަރާތައް ފަށައިފަ އެވެ. އެގޮތުން ކައުންސިލްގެ ފަރާތުން ރީނާއަށް ރަށުން ދިރިއުޅޭނެ އެއްވެސް ތަނެއް ނެތުމުން ގެވަޅެއް މިހާރު ހަމަޖައްސާދީފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.

އެގޮތުން ރީނާއަށް ލިބިފައިވާ ގޯތީގައި ދެ ކޮޓަރީގެ ގެޔެއް ހަދައިދިނުމަށް މަމްސް އެއިޑުން ވަނީ ފަންޑްރެއިޒިން ކެމްޕެއިނެއް ފަށައިފަ އެވެ. އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން މަމްސް އެކައުންޓަށް ފައިސާ ޖަމާކުރުމަށްފަހު އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖް އަށް ސުލިޕް ފޮނުވުމަށް ވަނީ އެދިފަ އެވެ.

ޑޮނޭޓް ކުރުމަށް:

MVR 7730000294482
USD 7730000294483

އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް:

9851477, 7688122, 7849393