Last Updated: April 23, 16:32
Tuesday, April 23, 2024
ޚަބަރު

ނުފޫޒެއް ނެތްނަމަ ޔާމީން މިނިވަންވާނެ ކަމަށް ޕީޖީ ވިދާޅެއް ނުވޭ

ޕީޖީ ހުސައިން ޝަމީމް--

ނުފޫޒު ނެތްނަމަ ޖަލަށްލާފައިވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު ވިދާޅުވިކަމަށް ބުނެ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕުން ދެއްކި ވާހަކަތައް ޕީޖީ އޮފީހުން ދޮގުކޮށްފި އެވެ.

އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން މިއަދު ޕީޖީ ޝަމީމްއާ ބައްދަލުކުރެއްވިއިރު އެ ބައްދަލުވުމުގައި ސަރުކާރުން ނުފޫޒު ނުފޯރުވައިފި ނަމަ، ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު އެމަނިކުފާނާ އެއްކޮޅަށް ނިމޭނެ ކަމަށް ދޭހަވާ އިބާރާތަކުން ޕީޖީ ޝަމީމް ވާހަކަދައްކަވާފައިވާ ކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ.

އެ ވާހަކަތަކާ ގުޅިގެން ޕީޖީ އޮފީހުން ބުނީ ޔާމީންގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް ވީހާވެސް އަވަހަކަށް ގެންގޮސް، މައްސަލައިގައި އަވަހަށް ޙުކުމެއް ކުރުމަށް އެއްބާރުލުން ދޭންޖެހޭ ކޮންމެ ކަމެއްގައި އެއްބާރުލުން ދޭނެ ކަމަށް ޕީޖީ ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް ނުފޫޒެއް ނެތްނަމަ ޔާމީން މިނިވަންވާނެ ކަމަށް ޕީޖީ ވިދާޅުވެފައި ނުވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

"ސަރުކާރުގެ ނުފޫޒާބެހޭ ގޮތުން ދެއްކެވި ވާހަކަފުޅަކީ ޕީޕީއެމް/ޕީއެންސީގެ މެމްބަރުން އަމިއްލަފުޅަށް ފައުޅުކުރެއްވި ޝުޢޫރެއް. އެކަމަކީ މި އޮފީހުގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަމަކަށް ނުވާތީ، އެ ޝަކުވާއާ ގުޅިގެން މިއޮފީހުން ކޮށްދެވޭނެ ކަމެއް ނެތްކަމަށް ދެންނެވި." ޕީޖީ އޮފީހުން ބުނެ އެވެ.

ޔާމީން މިވަގުތު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނައިރު އެމަނިކުފާނު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގަ އެވެ. އެ ދުވަހުން ފެށިގެން އިދިކޮޅު ސަޕޯޓަރުން އަންނަނީ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ކޮންމެ ރެޔަކު މާލޭގައި އިދިކޮޅުން އަންނަނީ އެއްވުންތައް ބާއްވަމުންނެވެ.

ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. ދައުވާތައް ސާބިތުވުމުން ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްތެރޭ ދެއްކުމަށް ވެސް އަމުރުކޮށްފަ އެވެ. އެ ހުކުމް މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.