ދެކުނު ކޮރެއާގެ ސަރުކާރުން ބެޓަރީ ތަރައްޤީ ކުރުމުގެ މަސައްކަތަށް 15.1 ބިލިއަން ޑޮލަރު ޚަރަދު ކުރުމަށް ނިންމައިފިއެވެ.
ދެކުނު ކޮރެއާގެ އިންޑަސްޓްރީ މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނަކާއި ހަވާލާދީ ރޮއިޓާސްއިން ރިޕޯޓު ކުރި ގޮތުގައި، ކޮރެއާ ސަރުކާރާއި އެކު އެ ގޔވޤައުމުގެ ބެޓަރީ އުފައްދާ ބޮޑު ތިން ކުންފުނިން އިންވެސްޓް ކުރާނެއެވެ. ދުނިޔޭގެ އެންމެ ބޮޑު ފަސް ބެޓަރީ އުފައްދާ ކުންފުނީގެ ތެރެއިން ތިން ކުންފުންޏަކީ ދެކުނު ކޮރެއާ ނިސްބަތްވާ ކުންފުނިތަކެވެ. އޭގެ ތެރޭގައި ހިމެނެނީ މަޝްހޫރު އެލްޖީ ކުންފުންޏާއި، ސެމްސަންގް ކުންފުނީގެ އިތުރުން އެސްކޭ އޮން ކުންފުނިއެވެ.
މިގޮތުން 2030 ވަނަ އަހަރު ތެރޭ ކުރާ މިމަސައްކަތުގައި ޒަމާނީ ބެޓަރީގެ އިޖާދީ ޓެކްނޮލޮޖީތައް ތަރައްޤީ ކުރުމާއި، ސޮލިޑް ސްޓޭޓް ބެޓަރީ އުފެއްދުމަށް މަސައްކަތް ކުރެވޭނެއެވެ. މިއާއެކު އެ ޤައުމަށް އެހެން ޤައުމުތަކަށް ވުރެ އަވަހަށް ސޮލިޑް ސްޓޭޓް ބެޓަރީ އުފެއްދުމުގެ ޤާބިލީއްޔަތުކަން ލިބޭނެ ކަމަށް އެޤައުމުން ބުނެއެވެ.
ދެކުނު ކޮރެއާގެ މިނިސްޓްރީން އާންމުކޮށްފައިވާ ގޮތުގައި، ދެކުނު ކޮރެއާގައި އެތިން ކުންފުނި ގުޅިގެން ފެކްޓަރީއެއް ޤާއިމް ކުރާނެއެވެ. އެއީ ޕްރޮޑަކްޓް އަދި މެނުފެކްޗަރިންގް ސެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރާނެ ތަނެއް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ. މިތަނުން ބެޓަރީތަކުގެ ޓެސްޓުކޮށް އައު އީޖާދީ ބެޓަރިތައް އުފައްދާނެއެވެ. އޭގެ ފަހުން އެކުންފުނިތަކުގެ ފެކްޓަރީތަކަށް ބެޓަރީ އުފެއްދުމަށް ފޮނުވާނެއެވެ.
ދެކުނު ކޮރެއާއަށް ނިސްބަތްވާ 3 ކުންފުންޏަކީ ދުނިޔޭގެ ބެޓަރީ އުފެއްދުމުގެ ބާޒާރުގެ 4 ބައިކުޅަ އެއްބައި ހިއްސާ ކުރާ ކުންފުނިތަކެވެ. މިކުންފުނިތަކުން އީވީ ކާރު އުފައްދާ ޓެސްލާ ފޯޑު އަދި ވޯލްކްސް ވެގަން ފަދަ ކުންފުނިތަކަށް ބެޓަރީ ފޯރުކޮށްދެއެވެ.
ދުނިޔޭގެ އެކި ޤައުމުތަކުން ދަނީ ލިތިއަމް އައޯން ބެޓަރީތަކަށް ވުރެ ދެމެހެއްޓެނި ބެޓަރީ ޓެކްނޮލޮޖީތަކަށް އިންވެސްޓް ކުރަމުންނެވެ. މިއީ މިހާރު ގިނަ އީވީ ކާރު އުފެއްދުމަށް ދާއިރު ބޭނުންވާނެ ބެޓަރީތަކެއް ކަމަށް ވުމުން ފައިދާ ބޮޑު ވިޔަފާރިއެއްގެ ގޮތުގައި އެޤައުމުތަކުން ދެކެއެވެ.