Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ފަތިސް ނަމާދުގެ ޖަމާއަތަށް ދާ ކުދިންނަށް ބައިސްކަލް

އިހަަވަންދޫގެ މިސްކިތަކުން މީހުން ފައިބަނީ.

އަންނަ މަހުގެ 1 އިން ފެށިގެން 40 ދުވަސް ވަންދެން ފަތިސް ނަމާދުގެ ޖަމާއަތަށް ހާޒިރުވާ ކުދިންނަށް ހަދިޔާއަކަށް ބައިސްކަލް ދޭން ހއ. އިހަވަންދޫ މިސްކިތަކުން ނިންމައިފި އެވެ.

މިކަން އިއުލާންކޮށްފައި ވަނީ އެ ރަށުގެ މަސްޖިދުއް ތަޢާވުންއިންނެވެ. އެ މިސްކިތުން ބުނީ އަންނަ މަހުގެ 1 އިން ފެށިގެން މެދިކެނޑުމެއް ނެތި ފަތިސް ނަމާދުގެ ޖަމާއަތަށް ހާޒިރުވާ ކޮންމެ ކުއްޖަކަށް ވެސް ބައިސްކަލެއް ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. މި ފުރުސަތު ހުޅުވާލާފައި ވަނީ ގްރޭޑް 1-7 ގެ ދަރިވަރުންނަށެވެ.

މިކަމާ ބެހޭ ގޮތުން މަސްޖިދުއް ތަޢާވުންގެ އިމާމު ހުސައިން ރަޝީދު އިހަވަންދޫ.ކޮމް އަށް ވިދާޅުވީ މިއީ ކަމުގެ ފުރަތަމަ ބުރު ކަމަށެވެ. އަދި ކޮންމެ ކުއްޖަކަށް ވެސް ދޭނީ އެ ކުއްޖެއްގެ އުމުރާ ގުޅޭ ކަހަލަ ބައިސްކަލެއް ކަމަށް ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ މި ކަމަކީ ހެޔޮ އެދޭ ފަރާތެއްގެ އިސްނެގުމުގެ މަތިން ކުރިއަށް ގެންދާ ކަމެއް ކަމަށެވެ. އަދި މި ކަމުގެ މައިގަނޑު މަގުސަދަކީ ފުރާވަރަށް އަޅާ އުމުރުގެ ކުދިންގެ ހިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމަށް ލޯބި ޖެއްސުން ކަމަށް ވިދާޅުވި އެވެ. ހާއްސަކޮށް ފަތިސްނަމާދު ޖަމާއަތުގައި ކުރުމަށް ސަމާލުކަން ދިނުމާއި އެކަމުގެ މުހިއްމުކަން ކުދިންނަށް އަންގައި ނަމާދަށް ކުދިންގެ ހިތްތަކުގައި ލޯބި ޖެއްސުމަކީ މިކަމުގެ މުހިއްމު ބޭނުމެއް ކަމަށް އިމާމު ވިދާޅުވި އެވެ.

ނަމާދަކީ ދީނުގެ ތަނބެވެ. އެހެންވެ އަބަދު ވެސް އެންމެ އިސްކަންދޭން ޖެހޭ ކަމަކީ ވަގުތުން ވަގުތަށް ނަމާދުތައް އަދާކުރުމެވެ. އަދި ކޮންމެ ދުވަހަކީ ބާއްޖަވެރި އަދި އުފާވެރި ދުވަހަކަށް ހެދުމަށްޓަކައި ދުވަސް ފަތިސް ނަމާދުން ފެށުމަށް އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރު އަޅާފައިވެ އެވެ.