Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

އުމްރާވެރިން ޑޮކްޓަރަށް ދައްކަން އިލްތިމާސްކޮށްފި

އުމްރާ އިން އައި ބަޔަކު ވެލާނާ އެއާޕޯޓްގައި.

އުމްރާއިން އެނބުރި އަންނަ މީހުން 14 ދުވަހުގެ ތެރޭގައި ރޯގާޖެހި ހުން އަންނަ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެތަނުން ބުނީ އުމްރާއިން އެނބުރި އަންނަތާ ދެ ހަފުތާގެ ތެރޭގައި ހުން އައުން، ކެއްސުން ނޭވާލާން އުނދަގޫވުން، މޭގައި ރިއްސުންފަދަ އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ މަޝްވަރާ ހޯދަން ޖެހޭ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ މި ނޫން ވެސް އިތުރު ބައްޔެއްގެ އަލާމާތެއް ފެންނަ ނަމަ ޑޮކްޓަރަށް ދެއްކުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މީގެ އިތުރުން އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ، ކެއްސައި ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުމަށާއި، ޓިޝޫ ފަދަ ތަކެތި ބޭނުންކުރުމަށް ފަހު ރައްކާތެރި ގޮތުގައި ނައްތާލައި، އަދި ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެދިފައިވެ އެވެ.

އެޗްޕީއޭ އިން ބުނީ ބުނީ އުމްރާއިން އެނބުރި އައުމަށް ފަހު ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އެގޮތުން ގިނަގިނައިން ދިޔާތަކެތި ބޭނުން ކުރުމާއި، އަރާމުކުރުމާއި، ހުންގަދަ ނަމަ ގައިގައި ފެން ހޭކުން، އަދި ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާއާ ނުލައި ބޭނުން ނުކުރުމަށް އެދިފައިވެ އެވެ.

ރޯދަ މަހުގެ އުމްރާ އަށް ދިޔަ ގިނަ ބަޔަކު މިހާރު އަންނަނީ އެނބުރި ރާއްޖެ އަންނަމުންނެވެ.