Last Updated: April 19, 22:45
Friday, April 19, 2024
ދުނިޔެ

ވަޓްސްއެޕްގެ އެއް ނަމްބަރު 4 ފޯނަކަށް!

ވަޓްސްއެޕްގެ އެއް ނަމްބަރެއް އެއްފަހަރާ ހަތަރު ފޯނެއްގައި މިހާރު ބޭނުން ކުރެވޭނެ ކަމަށް ވަޓްސް އެޕްގެ ބެލެނިވެރި ކުންފުނި މެޓައިން ބުނެފި އެވެ.

ފޭސްބުކް ވެސް ހިންގާ މެޓާ ވެރިޔާ މާކް ޒުކަބާގް މިކަން އިއުލާން ކުރައްވާ ވިދާޅުވީ، މިހާރު އެއް ވަޓްސް އެކައުންޓު 4 ފޯނެއްގައި ބޭނުން ކުރެވޭނެ ކަމަށެވެ. މިއީ އެންޑް-ޓުއެންޑް އެންކްރިޕްޝަންގެ ތެރެއިން ކުރާ ކަމެއް ކަމަށް މެޓަ އިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ވަޓްސްއެޕް ގިނަ ޑިވައިސްތަކަށް ބޭނުން ކުރެވޭ ގޮތަށް 2021 ވަނަ އަހަރު ޓެސްޓު ކުރަން ފެށި އެވެ. އަދި މިދިޔަ އަހަރު އެ ފީޗާ ވަނީ އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް ދޫކޮށްފަ އެވެ. ގިނަ ޑިވައިސްތަކުގައި އެއް އެކައުންޓެއް ބޭނުން ކުރުމަކީ ޓެލެގްރާމް ފަދަ އެހެން އެޕްލިކޭޝަންތަކަށްވެސް ކުރެވޭ ކަމެކެވެ.

ނަމަވެސް މިއީ އެންޑް ޓު އެންޑް އެންކްރިޕަޝަނެއް ނޫން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ވަޓްސްއެޕްގެ މި ފީޗާ ކުރިއަށް އޮތް ދުވަސްތަކުގައި އެޕްލިކޭޝަން އަޕްޑޭޓާއި އެކު ލިބޭނެ ކަމަށް މެޓާއިން ބުނެއެވެ. މިގޮތުން ވަޓްސްއެޕް ވެބް މެދުވެރިކޮށް މިހާރު ވަންޓައިމް ޕާސްވޯޑަކަށް ރިކުއެސްޓް ކުރެވޭނެ ކަމަށާއި އެ ކޯޑު އެކި ފޯން ތަކުގައި ބޭނުން ކުރުމަށް ފުރުސަތު ލިބިގެންދާ ކަމަށް ވަޓްސްއެޕް އިން ބުނެއެވެ.

މި ފީޗާ އިއުލާން ކުރުމާއިއެކު އެކި ބޭނުންތަކުގައި ދެ ފޯނު ގެންގުޅޭ ފަރާތްތަކުން މިއީ ވަރަށް ބޭނުންތެރި ފީޗާއެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. ނަމަވެސް ބައެއް ފަރާތްތަކަށް މި ފީޗާ ކަމުނުދެއެވެ. އެއީ މީގެ ސަބަބުން މެސެޖްތައް އެހެން މީހުންނަށް ފެނުމުގެ ފުރުސަތު ބޮޑުވާތީއެވެ.