Last Updated: April 20, 07:18
Saturday, April 20, 2024
ކުޅިވަރު

ބާސާ އަށް 15 އަހަރުގެ ކުޅުންތެރިއެއް

ސްޕެއިންގެ މަޝްހޫރު ފުޓްބޯޅަ ކުލަބް، ބާސެލޯނާ (ބާސާ) އަށް ޕްރޮފެޝަނަލް ފެންވަރުގައި 15 އަހަރުގެ ކުއްޖަކު ކުޅެން ފަށައިފި އެވެ.

މިއީ މިހާރު އެ ޓީމްގެ ވަރަށް ހާއްސަ މެމްބަރެއް ކަމަށްވާ ލެމީން ޔަމާލް އެވެ. މިހާރު ކުރިއަށްދާ ލަ ލަގީގާ މުބާރާތުގައި އޭނަ ޓީމަށް އަލަށް ކުޅެން އެރީ މިދިޔަ ހޮނިހިރު ދުވަހުގެ މެޗްގަ އެވެ. އެއީ ބާސާ އާއި ރިއާލް ބެޓިސް ކުޅުނު މެޗްގައި ގަވީގެ ބަދަލުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. މިއާ އެކީ ޔަމާލްވެފައި ވަނީ ލަ ލީލާގެ މެޗެއްގައި ބާސާ އަށް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

މެޗަށް އޭނަ އެރި އިރު، އުމުރަކީ 15 އަހަރާއި 9 މަހާއި 16 ދުވަހެވެ. ބާސާ 4-0 އިން މޮޅުވި މެޗްގައި ގޯލެއް ޖަހާނެ ފުރުސަތު ވެސް ޔަމާލް ހޯދައި ފެންވަރު ވެސް ދައްކައިލި އެވެ. އެކަމަކު ނަސީބު ދިމާކުރި ގޮތުން އޭނަަ ފޮނުވި ހަމަލާ ގޯލަށް ވަަނަ ނުދީ ބެޓިސްގެ ކީޕަރު ރުއީ ސިލްވާ ބޯޅަ މަތަކުރި އެވެ.

ޔަމާލްގެ ކުރިން ވެސް 123 އަހަރު މާޒީއެއް އޮތް ބާސާ އަށް ވަރަށް ޅަ ތިން ކުޅުންތެރިއަކު ކުޅެފައިވެ އެވެ. އެއީ 1920 ގައި އެ ޓީމަށް ކުޅުނު މާޓިނޭޒް-ސާޖީ އެވެ. އޭރު އޭނަގެ އުމުރަކީ 14 އަހަރާއި 6 މަހާއި 16 ދުވަހެވެ. އަނެއް ކުޅުންތެރި އަކީ އުމުރުން 14 އަހަރާއި 7 މަހާއި ފަސް ދުވަހުގައި 1903 ގައި ކުޅުނު ކާލެސް ކޮމަމާލާ އެވެ. ބާސާ އަށް ދެން ކުޅުނު ހަގު ކުޅުންތެރި އަކީ 1912 ގައި ކުޅުނު ޕައުލީނޯ އަލްކަންޓާރާ އެވެ. އޭރު އޭނަގެ އުމުރަކީ 15 އަހަރާއި 4 މަހާއި 18 ދުވަހެވެ.

ހޮނިހިރު ދުވަހުގެ މެޗްގައި ޔަމާލް ދެއްކި ހުނަރާ ގުޅިގެން ބާސާގެ ކޯޗް ޒަވީ ހަނާންޑޭޒް ބުނީ އޭނަ ކިޔައިދިން ހުރިހާ އެއްޗެއް މެޗްގެ ތެރޭގައި ޒުވާން ކުޅުންތެރިޔާ ބޭނުންކުރި ކަމަށެވެ.

"މެޗްގައި އޭނަ ކުޅުނު އިރު ހިއެއް ނުވޭ ފަނަރަ އަހަރުގެ ކުއްޖެއްހެނެއް. ވަރަށް ވެސް މޮޅު. ބާސާ އަށް ޔަމާލްގެ ބޭނުން ވަރަށް ރަނގަޅަށް ހިފޭނެ،" އޭނަ ބުންޏެވެ. "މިއީ ޓީމްގެ ތާރީހު ވެސް ބަދަލުކޮށްލެވޭ ވަރުގެ ހުނަރުވެރި ކުޅުންތެރިއެއް. ޔަމާލް އަންނަނީ ވަރަށް ރަނގަޅަށް ޓްރެއިނިން ވެސް ހަދަމުން."