Last Updated: March 28, 18:00
Thursday, March 28, 2024
ޚަބަރު

މުދަލު ޒަކާތުގެ ނިޞާބު ބޮޑުކޮށްފި

ޒަކާތް ދެއްކުން ކުރިއަށްދަނީ - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އާދީއްތަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިޞާބަތް ބަދަލު ގެނެސް، 7312.55ރ. (ހަތްހާސް ތިންސަތޭކަ ބާރަ ރުފިޔާ ފަންސާސް ފަސްލާރި) އަކީ ނިޞާބު ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

މިދިޔަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުން ފެށިގެން ނިޞާބު އިތުރުކޮށްފައިވާއިރު، އެންމެ ފަހުން ނިސާބަތް ބަދަލެއް ގެނެސްފައިވަނީ މިއަހަރު ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ. އޭރު ނިޞާބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 7062.65ރ. އެވެ. ނަމަވެސް މިހާރު ގެނެވިފައިވާ ބަދަލުން 249.9ރ. ވަނީ އިތުރުވެފައެވެ.

ނިޞާބަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ. އަދި މުދަލު ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ޤައުތަކުގައި ފަޤީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި ޢިލްމުވެރިން ވިދާޅުވެ އެވެ.

މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނަކަށްވާއިރު، އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބުހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖްރީ 01 އަހަރުވުމުން، ޝަރްޢީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައި ކުޅަ އެއްބައި (2.5%) ނެރެން ޖެހެ އެވެ.

މުދަލު ޒަކާތް ބަލައިގަންނާނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮންނެވެ. މީރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 21.2 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.