Last Updated: April 24, 12:03
Wednesday, April 24, 2024
ޚަބަރު

އައްޑޫގެ "ދަމަނަވެށި" އަލުން ހުޅުވަނީ

ހެލްތް މިނިސްޓްރީގެ ޓީމާއި އައްޑޫސިޓީ ކައުންސިލް ބައްދަލުކުރަނީ / ފޮޓޯ: ސިޓީ ކައުންސިލް

ދެއަހަރަށް ވުރެ ގިނަ ދުވަހު އައްޑޫ ދަމަނަވެށި ބަނދުކޮށްފައި ހުރުމަށް ފަހު އަލުން ހުޅުވުމުގެ މަސައްކަތް ފަށާފައިވާ ކަން އައްޑޫސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

ކައުންސިލުން ދަމަނަވެށި ހުޅުވުމަށް މަސައްކަތް ކުރަމުންދާކަން ހާމަކޮށްފައިވަނީ، ކައުންސިލާއި ހެލްތު މިނިސްޓްރީގެ ބޭފުޅުންނާއި އެކު ބޭއްވި ބައްދަލުވުމަށް ފަހުއެވެ. މި ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާއިޝަތު ރަޝީދާއާއި މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި އައްޑޫސިޓީ ކައުންސިލުގެ ފަރާތުން ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުއާއު އަދި ކައުންސިލަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އައްޑޫސިޓީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި ސަރުކާރުން މިހާރު މާލެ ފިޔަވައި ރާއްޖޭގެ ކޮންމެ ސިޓީއެއްގައިވެސް ދަމަނަވެށީގެ ޙިދުމަތް ދިނުމަށް ނިންމާފައި ވުމާއިއެކު، ކުރީގެ މަރަދޫ ފޭދޫ ސްކޫލް ހިންގި އިމާރާތް ދަމަނަވެށި ހިންގުމަށް ދިނުމަށް ވަނީ މަޝްވާރާކޮށްފައެވެ. މިއީ ޕްރައިމަރީ ހެލްތު ކެއަރ ފުޅާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ދިނުމުގެ މަސައްކަތުގެ ދަށުން ކުރާ ކަމެއް ކަމަށް ހެލްތް މިނިސްޓްރީ އާއި ހަވާލާ ދީ ކައުންސިލުން ބުނެއެވެ.

އައްޑޫގައި މީގެ ކުރީންވެސް ދަމަނަވެށި ހިންގާފައިވެއެވެ. ޕަބްލިކް ހެލްތުގެ މަސައްކަތުގެ ބޮޑު ޒިންމާއެއް ހާވާލުވެފައިވާ ދަމަނަވެށި މީގެ ކުރިން އައްޑޫގައި ހިންގާފައިވަނީ މަރަދޫ ފޭދޫ ލިންކްރޯޑުގައި އެސްޓީއޯ ކައިރީގައެވެ. އެ އިމާރާތް މިހާރު ބޭނުން ކުރަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ދަށުން ހިންގާ ސަދަން ޗައިލްޑް ޑެވެލޮޕްމެންޓް ސެންޓަރ ހިންގުމަށެވެ.

އެތަނުގައި ހިންގި ދަމަނަވެށި ހުއްޓާލާފައިވަނީ 2021 ވަނަ އަހަރު ކުރީކޮޅުގައި ކަމަށް މައުލޫމާތު ލިބެއެވެ. ދަމަނަވެށި ހުއްޓާލި ނަމަވެސް، އެތަނުގައި ދެމުން އައި ޙިދުމަތްތައް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް އަދި އައްޑޫގެ އަވަށްތަކުގައި ހުރި ހެލްތު ސެންޓަރުތަކުން ކުރިއަށް ގެންދެއެވެ.