Last Updated: April 25, 22:42
Thursday, April 25, 2024
ވިޔަފާރި

އޮސްޓްރޭލިއާގައި ވޭޕިން މަނާ ކުރަނީ

އޮސްޓްރޭލިއާގެ ޒުވާނުންގެ މެދުގައި ވޭޕްކުރުން އިތުރުވެ، އެކަން މިހާރު ގައުމީ ބޮޑު ވަބާއަކަށްވަމުންދާތީ އާންމުކޮށް ވޭޕްކުރުން މަނާކުރަން ނިންމައިފި އެވެ.

މިކަމާ ބެހޭ ގޮތުން ސަރުކާރުން ބުނީ ވޭޕިންއާ ދެކޮޅަށް ކުރަން ނިންމާފައިވާ މަސައްކަތުގެ ތެރެއިން ވޭޕްކުރުމާ ގުޅޭ އާންމު މިންގަނޑެއް އެކުލަވާލައި ވޭޕިން އަށް ބޭނުންކުރާ ތަކެތި ފާމަސީތަކުން ވިއްކުމުގައި ވެސް ހަރުކަށި އުސޫލުތަކެއް އެކުލަވައިލާނެ ކަމަށެވެ. މިހާރު ވެސް ނިކޮޓިން އެކުލެވޭ ވޭޕިން އޮސްޓްރޭލިއާގެ ފާމަސީތަކުން ވިއްކަން ކަނޑައަޅާފައި އޮންނަނީ ޕްރިސްކްރިޕްޝަނަކާ އެކީގަ އެވެ.

ނަމަވެސް އެކަން ރެގިއުލޭޓް ކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތުމުގެ ސަބަބުބް ވޭޕިން އަށް ބޭނުންކުރާ ތަކެތީގެ ވިޔަފާރި އޮތީ ބޮއްސުންލާފައި ކަމަށް ސަރުކާރުން ބުންޏެވެ. އަދި އޭގެ ކަޅު ބާޒާރެއް ވެސް އުފެދިފައިވެ އެވެ.

އޮސްޓްރޭލިއާގެ ހެލްތު މިނިސްޓަރު މާކް ބަޓްލާ މިއަދު ވިދާޅުވީ ނިކޮޓިން އަށް ގައުމުގެ ޒުވާނުން ދެވިހިފައި ބޮޑު ޖީލެއް ހަލާކުވަމުންދާ ކަމަަށެވެ. އެހެންވެ އެކަމާ ދެކޮޅަށް ގައުމީ ފެންވަރުގައި މަސައްކަތްކުރަން ޖެހޭ ކަމަށާއި ސަރުކާރުން މިހާރު ނިންމާފައި އޮތީ "ރިކްރިއޭޝަނަލް ވޭޕިން" ހުއްޓުވުން ކަމަށް ވިދާޅުވި އެވެ.

އީ-ސިނގިރެޓް ބޭނުންކޮށްގެން ވޭޕްކުރުން ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް އިތުރުވަމުންދާ އިރު، މި ޕްރޮމޯޓްކުރަނީ އާންމު ދުންފަތުގެ އިސްތިމާލަށް ވުރެ ރައްކާތެރި ކަމެއްގެ ގޮތުގަ އެވެ. އެކަމަކު ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ސިނގިރެޓް ބޮއެގެން ލިބޭ ގެއްލުންތަކަށް ވުރެ ވޭޕިން އިން ލިބޭ ގެއްލުން ވަކި ކުޑައެއް ނޫނެވެ.

އެހެންވެ މީގެ ކުރިން ވެސް ބައެއް ގައުމުތަކުގައި އީ-ސިނގިރެޓް މަނާކޮށްފައިވާ އިރު، ބައެއް ގައުމުތަކުގައި ކަނޑައަޅާފައި އޮންނަ ވަކި އުމުރެއްގެ ބަޔަކަށް ނޫނީ ވޭޕްކުރާ އާލާތްތައް ނުވިއްކަ އެވެ.