Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

ޤުރުއާން ހިތުދަސްކުރާ މީހުންނަށް 50،000ރ. ދެނީ

ހދ. ނޮޅިވަރަމްގައި ކީރިތި ޤުރުއާން ހިތުދަސްކުރާ ކޮންމެ މީހަކަށް 50،000ރ. ދޭން އެ ރަށު ޓިއުޝަން ސެންޓަރަކުން ނިންމައިފި އެވެ.

މި ގޮތަށް ނިންމީ އެ ރަށު އޭއާރްޔޫ ޓިއުޝަން ސެެންޓަރުންނެވެ. އެތަނުން މިހާރު ވަނީ ޤުރުއާން ހިތުދަސްކުރާ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ހުޅުވައިލައިފަ އެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ޤުރުއާން ހިތުދަސް ބަޔަކު ރަށުގައި އުފެއްދާއި މިކަން ކުރަން ގިނަ ބަޔަކަށް ހިތްވަރު ދިނުމެވެ.

ނޮޅިވަރަމްގެ ޓިއުޝަން ކުލާހަކުން ޤުރުއާން ހިތުދަސްކުރާ ކޮންމެ މީހަކަށް 50،000ރ. ދޭން ނިންމި އިރު، މިއީ އަމިއްލަ ފަރާތަކުން އެހާ ބޮޑު އިނާމެއް ހުށަހަޅަައިގެން ރާއްޖޭގައި މިކަން ކުރާ ފުރަތަމަ ފަހަރެވެ. މި ޕްރޮގްރާމަކީ ހެޔޮއެދޭ ފަރާތެއްގެ އެހީތެރިކަމާ އެކީ ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އޭއާރްޔޫ ޓިއުޝަން ސެެންޓަރުން ބުންޏެވެ.

މި ޕްރޮގްރާމު އެ ރަށުން ހުޅުވައިލީ 5-25 އަހަރާ ދެމެދުގެ މީހުންނަށެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ މީހުން މި މަސް ނިމުމުގެ ކުރިން ނަން ނޯޓުކުރަން ޖެހެއެވެ.