Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ފަތުވާ މަޖިލީހަށް އިލްޔާސް އައްޔަންކޮށްފި

ފަތުވާ މަޖިލީހަށް މެމްބަރުން ހަމަކޮށް އޭގެ މަސައްކަތް އަލުން ފެށި އިރު، އެ ކޮމިޓީ އަށް ޝެއިހް އިލްޔާސް ހުސައިން ވެސް އައްޔަންކޮށްފި އެވެ.

އަދާލަތު ޕާޓީ އަށް ނިސްބަތްވާ އަދި އައްޑޫ ހިތަދު އަށް ނިސްބަތްވާ ދީނީ އިލްމުވެރިޔާއާ އެކީ އިތުރު ދެ ބޭފުޅަކު ފަތުވާ މަޖިލީހަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަންކުރައްވާފައިވެ އެވެ. އެއީ އިއްޔާސްގެ އިތުރުން ޑރ. އަބްދުސައްތާރް އަބްދުއްރަހްމާނާއި ޑރ. އިބްރާޙިމް ޒަކަރިއްޔާ މޫސާ އެވެ.

ބައެއް މެމްބަރުންގެ ދައުރު ހަމަވުމާ ގުޅިގެން ފާއިތުވި ދެ އަހަރު، ފަތުވާ މަޖިލީހުގެ ހަތަރު މެމްބަރެއްގެ މަގާމު އޮތީ ހުސްކޮށެވެ. އަދި އެ ކޮމިޓީ މަޖިލީހުގައި މިހާތަނަށް އިންނެވީ އެންމެ މެންބަރެކެވެ. އެއީ ރައީސް އައްޔަންކުރައްވާ ތިން މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، އެ މަޖިލީޙުގެ ރައީސް ޑރ. މުޙައްމަދު ރަޝީދު އިބްރާހިމެވެ.

ފަތުވާ މަޖިލީހުގައި މިހާރު ހުސްކޮށް އޮތީ ރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން ޢައްޔަންކުރައްވަން ޖެހިވަޑައިގަންނަވާ މެންބަރެވެ.

އިސްލާމީ ފަތުވާދޭ މަޖިލީހަކީ ރާއްޖޭގައި ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި، ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ބޭނުންވާނެ އެކިއެކި ދީނީ ފަތުވާ ފޯރުކޮށް ދިނުމަށާއި، ފިޤުހީ އައު މައްސަލަތަކުގެ ދިރާސާތައް ކުރުމަށާއި، އެކަންކަމާ ގުޅޭ ދީނީ ލަފަ އާއި މަޝްވަރާ ދިނުމެވެ.

ފަތުވާ މަޖިލިސް ހިންގަނީ އިސްލާމިކް މިނިސްޓްރީގެ ދަށުންނެވެ.