Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ޕްރައިމަރީ ހެލްތު ކެއާ އަށް އެއްބާރުލުންދީ

ރާއްޖޭގައި ޕްރައިމަރީ ހެލްތް ކެއާ ނިޒާމް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ހުރިހާ ފަރާތްތަކުން ވެސް އެއްބާރުލުން ދެއްވުމަށް ނައިބު ފައިސަޞަލް ނަސީމް އެދިވަޑައިގެންފި އެވެ.

ފ. އަތޮޅު ހޮސްޕިޓަލްގެ 27 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، ޕްރައިމަރީ ހެލްތު ކެއާ އާލާކޮށް ހަރުދަނާކުރުމުގެ މަސައްކަތް އެ އަތޮޅުގައި ފެށުމުގެ ގޮތުން ނިލަންދޫގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ 1980-1990 ގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި ޕްރައިމަރީ ހެލްތު ކެއާ ނިޒާމްގެ ތެރެއިން އެކަށީގެންވާ ގޮތެއްގައި ރަނގަޅު މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.

ނަމަވެސް އޭގެ ފަހުން އެކަމަށް އަޅާނުލެވި އޮތުމުގެ ސަބަބުން އަލުން ޕްރައިމަރީ ހެލްތް ކެއާ ނިޒާމް ދިރުވައި ހަރުދަނާ ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ، ޞީއްޙީ ޚިދުމަތް ލިބޭނެ ތަންތަން ހުރުމަކީ، ބަލިތަކުން ދުރާލައި ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކަށް ފަރުވާކުޑަކޮށްލައިގެން ވާނޭ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި އެ މަނިކުފާނު ވަނީ ހެލިފެލިވެ އުޅުމަށާއި ކަސްރަތު ކުރުމަށް އިސްކަންދިނުމަށް ނަޞޭހަތްތެރިވެ ވަޑައިގެން، އެއީ ޤައުމީ ކަމެއްގެ ގޮތުގައި ބަލައިގަނެ ، ޕްރައިމަރީ ހެލްތު ކެއާ ޕްރޮމޯޓްކޮށް ހޭލުންތެރިކަން އިތުރުކުރުމަށް ހުރިހާ މީޑިއާތަކުންނާއި އާއްމު ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ފައިސަލް ވިދާޅުވީ، ރާއްޖޭގެ ޞިއްޙީ ނިޒާމް ތަރައްޤީ ކުރުމަށް މި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތުގެ ޢުމްރާނީ ތަރައްޤީއަށާއި އިންސާނީ ވަޞީލަތްތައް ތަރައްޤީއަށް ކުރެވެމުން އަންނަ މަސައްކަތްތަކާއި ޞިއްޙީދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެވިފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ޕްރައިމަރީ ހެލްތު ކެއާ އާލާކޮށް ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރެއިން ޚިދުމަތްދިނުމުގައި ޢަމަލު ކުރުމަށް މިހާރު ވަނީ އައު "ކެއާ ޕާތުވޭ" އެއް ވެސް އެކުލަވާލައިފަ އެވެ. މިއާ އެއްގޮތަށް އެއްގޮތަށް މިއަދުން ފެށިގެން ފ. އަތޮޅުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި ޚިދުމަތްތައް އިންތިޒާމްކޮށް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ޕްރައިމަރީ ހެލްތުގެ ނިޒާމަކީ ޞިއްޙީ ޚިދުމަތް ދިނުމުގައި ފަރުވާގެ އިތުރުން، ބަލިތަކުން ދުރާލާ ރައްކާތެރިވެ ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށް ދިނުމުގެ ގޮތުން ޞިއްޙީ މަޢުލޫމާތު ދިނުމާ ތިމާގެ ޞިއްޙީ ޙާލަތު ދެނެގަތުމަށް ހަދަން ޖެހޭ ޓެސްޓުތައް ހެދުމާ، މީހާގެ ޞިއްޙީ ޙާލަތާ ދިރިއުޅުމުގެ ޙާލަތަށް ރިޢާޔަތްކޮށް، އެމީހަކަށް ނުވަތަ އެ މުޖްތަމަޢުއަކަށް އެންމެ އެކަށީގެންވާ ގޮތަށް ފަރުވާ އާއި އެހެނިހެން ޚިދުމަތްތައް އިންތިޒާމު ކުރެވިގެންދާ ނިޒާމެކެވެ.