Last Updated: April 19, 17:23
Friday, April 19, 2024
ދީން

ދުބާއީ އަށް 3ޑީ މިސްކިތެއް

ދުނިޔޭގެ ފުރަތަމަ 3ޑީ-ޕްރިންޓެޑް މިސްކިތް ދުބާއީގައި ބިނާކުރަން ތައްޔާރުވާން ފަށައިފި އެވެ.

މި އަހަރުގެ ފަހުކޮޅު އަމަލީ މަސައްކަތް ފަށަން ހަމަޖެހިފައިވާ މި މަޝްރޫއަކީ ދުބާއީގެ އިސްލާމިކް އެފެއާޒް އެންޑް ޗެރިޓަބަލް އެކްޓިވިޓީސް ޑިޕާޓްމަންޓް (އައިއޭސީއޭޑީ) އިން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ނަމަވެސް މިސްކިތް ކޮންޓްރެކްޓަރުގެ ނަމެއް ހާމައެއް ނުކުރެ އެވެ.

އައިއޭސީއޭޑީގެ އިންޖިނިއަރިން ޑިޕާޓްމަންޓްގެ ވެރިޔާ އަލީ މުހައްމަދު އަލްހަލިއާން އަލްސުވައިދީ 2،000 އަކަމީޓަރުގެ ސަރަހައްދެއްގައި ބިނާކުރަން ނިންމާފައިވާ 3ޑީ-ޕްރިންޓެޑް މިސްކިތަކަށް ދެ ފަންގިފިލައަށް ހަދާ 600 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ.

މި މިސްކިތުގެ މަސައްކަތްކޮށް އެއްކޮށް ނިންމައި ހުޅުވަން ހަމަޖެހިފައި ވަނީ 2025 ގަ އެވެ.

މެދުއިރުމަތީގެ އެންމެ ކުރިއަރާފައިވާ އެއް ގައުމުގެ ގޮތުގައި ފާހަގަކޮށްލެވޭ ޔޫއޭއީގެ ދުބާއީގައި ދުނިޔޭގެ ފުރަތަމަ 3ޑީ-ޕްރިންޓެޑް މިސްކިތް ބިނާކުރަން ނިންމި އިރު، އެ ގައުމަކީ އިމާރާތްކުރުމުގެ ދާއިރާ އިން ވަރަށް ފާހަގަކޮށްލެވޭ އަދި އެންމެ ޒަމާނީ ބަދަލުތަކަށް ވަރަށް ބޮޑަށް އިސްކަންދޭ ގައުމެވެ.

ދުނިޔޭގެ އެންމެ އުސް އިމާރާތް ވެސް ހުރީ ދުބާއީގަ އެވެ. އެއީ ބުރްޖް ހަލީފާ އެވެ.

ދުބާއީގެ 3ޑީ މިސްކިތާ ބެހޭ ގޮތުން އަލްސުވައިދީ ވިދާޅުވީ މި ޓެކްނޮލޮޖީ ބޭނުންކޮށްގެން މިސްކިތެއް ބިނާކުރަން އިމާރާތްކުރުމުގެ ދާއިރާ އިން އިންގިލާބ ބަދަލެއް ގެންނަން ކަމަށެވެ.

"މިއީ ވަގުތާއި މަސައްކަތަށް ބޭނުންކުރާ ރިސޯސެސް ވެސް ވަރަށް ބޮޑަށް ސަލާމަތް ކުރެވޭނެ ކަމެއް،" އޭނަ ވިދާޅުވި އެވެ. "އަދި މީގެ ސަބަބުން އާ ކަންތައްތަކެއް ތަޖުރިބާކުރެވޭނެ."

ދުބާއީގައި 3ޑީ މިސްކިތެއް ބިނާކުރަން ތައްޔާރުވަމުން އަންނަ އިރު، ޔޫއޭއިން ވަނީ 2018 ގައި "3ޑީ ޕްރިންޓިން ސްޓްރެޓެޖީ" ޕްލޭނެއް ވެސް އެކުލަވާލައިފަ އެވެ. މި ޕްލޭންގެ ބޭނުމަކީ 2030 އާ ހަމައަށް އަންނަ އިރު، އެ ގައުމުގައި އިމާރާތްކުރާ ތަންތަނުގެ 25 ޕަސެންޓް 3ޑީ-ޕްރިންޓިން އިން ކުރިއަށް ގެންދިއުމެވެ.