Last Updated: May 4, 10:44
Saturday, May 4, 2024
ރިޕޯޓް

އައްޑޫ ސްޓޭޑިއަމް ބޮލަށް ވެއްޓިދާނެ!

އާބާދީ ބޮޑު އައްޑޫ ސިޓީގެ އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމް ހަލާކުވެ ވިރާނާވާން ޔޫތު މިނިސްޓްރީން ދޫކޮށްލާފައި ވަނިކޮށް އިމާރާތް ބޮލަށް ވެއްތިދާނެ ކަމުގެ ބިރު ހީވާން ފަށައިފިއެވެ.

ހުޅަނގު މޫސުމުގެ ގަދަ ވަޔާއި ވިއްސާރަ އާއި އެކު ސްޓޭޑިއަމްގެ ފުރާޅު ހީވަނީ އެއްލާލަފާނެ ހެންނެވެ. ފުރާޅުގެ ޓިނު ހަރުކުރުމަށް ޖަހާފައިވާ ޓިނު އިސްކުރުތަކުގެ ބޯވަނީ ފީވެފައެވެ. ބާރު ވައިގަނޑެއްގައި ފުރާޅު އެއްލައިލާނެ ކަމުގެ ބިރު ބޮޑެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕަށް ބޮޑު މަރާމާތެއް ކުރި ސްޓޭޑިއަމްގައި އޭރުވެސް ގިނައިން ކުރެވިފައިވަނީ ވަގުތީ މަސައްކަތެވެ. ސްޓޭޑިއަމްގައި ހަރުކޮށްފައި ކުރިން ހުރި ލައިޓުތައް އޭރި ނެގީ ރަނގަޅު ލައިޓިން ސިސްޓަމެއް ޖެހުމަށްކަމަށް ބުނެއެވެ. ރައީސް ޔާމީމްގެ ވެރިކަން ނިމިގެން ދިޔައީ ސްޓޭޑިއަމްއަސް އިތުރު މަސައްކަތެއް ނުކުރެވިއެވެ.

ރައީސް ޔާމީންގެ ވެރިކަމަށް ފަހު ރައީސް ސޯލިހުގެ ވެރިކަމުގެއި އައްޑޫ ސްޓޭޑިއަމްއަށް އިތުރު އެއްވެސް ތަރައްޤީއެއް ގެނެސްފައި ނުވެއެވެ. ގިނަ ކުޅިވަރުގެ ހަރަކާތްތައް ބާއްވާ މި ސްޓޭޑިއަމް މަރާމާތަށް މިހާރުގެ ޔޫތު މިނިސްޓްރީން އެއްވެސް މަސައްކަތެއް ނުކުރެއެވެ. މި ސްޓޭޑިއަމްގެ ހާލަތު ގޯސްވެ ދާދި ފަހުން އައްޑު ކައުންސިލްގެ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަހުމަދު ސައީދު ފާހަގަކުރި ގޮތުގައި ސްޓޭޑިއަމްގެ ވަށައިގެން ޖަހާފައިވާ ފެންސްގެ ބޮޑު ބައެއް ހަލާކުވެފައިވާ އިރު، އެތަނުގެ ފާހާނާތައް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. ސްޓޭޑިއަމްގައި ހުރި މައްސަލަތައް ލިސްޓްކޮށް ސައީދު ވިދާޅުވި ގޮތުގައި ކުޅުންތެރިން ބޭނުންކުރާ ފާހާނާގައި ވެންޓިލޭޝަނެއް ވެސް ނެތް އިރު ދަނޑު އެއްވަރުކުރަން ބޭނުން ކުރާނެ ރޯލަރެއް ވެސް ނެތެވެ.

"ޢިމާރާތުގެ އެތެރޭގައި ޖަހާފައިވާ މުށީގެ ބޮޑު ބައި ވަނީ ނެއްޓިފައި. ޢިމާރާތުގެ އެތެރެ އާއި ބޭރުގެ ކުލަ ކެނޑި ކުލަ ލީ ހަނދާނެއް ވެސް ނެތް،" އޭނާ ވިދާޅުވި އެވެ. "އިމާރާތުގެ އެތެރޭގައި ހުރި ފާހާނާތަކަށް ވެހެނީ ވާރޭ. ދިމަދިމާލުން ފެން ލީކްވެ ޢިމާރާތުގެ އެތެރެ އޮންނަނީ ވާރޭ ވެހިއްޖެ ނަމަ ފެން ބޮޑުވެފައި."

އަދި ވާރޭ ވެހޭ ދުވަހެއް ނަމަ ސްޓޭޑިއަމްގެ ބެންޗް ސަރަހައްދު އޮންނަނީ ފްލޯޓިން އޭރިއާއެއްހެން ކަމަށްވާއިރު ވާރޭ ވެހިއްޖެ ނަމަ ކުޅި ބަލަން ތިބޭ ސަޕޯޓަރުންނަށް ހިޔާވާނެ ތަނެއް ހޯދުމަކީ ވެސް އުނދަގޫ ކަމެކެވެ. އޭގެ އިތުރަށް ރޭގަނޑު ކުޅެވޭ ގޮތަށް ރަނގަޅު ފެންވަރުގެ ލައިޓިން ސިސްޓަމެއް ވެސް ސްޓޭޑިއަމްގައި ނެތެވެ.

ސްޓޭޑިއަމްގެ ހާލަތު ޔޫތު މިނިސްޓަރަށް، ސްޓޭޓް މިނިސްޓަރުންނަށް، ސްޕޯޓްސް ޑިޕާރޓްމަންޓުގެ ވެރިންނަށް އަދި ޒިންމާދާރުވެރިޔާއާ ހިއްސާކުރެވިފައިވާ ކަމަށްވެސް ސައީދު ވިދާޅުވި އެވެ.

ސްޓޭޑިއަމްގައި ހުރި މައްސަލަތަކުގެ ލިސްޓު ކިތަންމެހާ ވެސް ދިގެވެ. މާލެ ނެގުމަށްފަހު އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑު އަކީ ކުޅިވަރަށް، ވަކިން ހާއްސަކޮށް ފުޓްބޯޅަ އަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅެމުންދާ ސިޓީއަކަށް ވާއިރު އައްޑޫގައި ހުރި ސްޓޭޑިއަމްގައި ހުރި މައްސަލަތަކަށް ހައްލެއް ނުލިބި ދިގުލައިގެން ދިޔުމަކީ ހިތާމައެކެވެ.

ކޮންމެ އަހަރެއްގެ ބަޖެޓްގައި ސްޓޭޑިއަމް ތަރައްގީ ކުރަން ފައިސާތަކެއް ޖެހި ނަމަވެސް އަމަލީ ސިފަ އަންނަތަނެއް ނުފެނެ އެވެ. މިއީ ހަމަގައިމު ވެސް ރާއްޖޭގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު އައްޑޫގެ ޒުވާނުންނަށް ހައްގު މިންވަރެއް ނޫނެވެ.