Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ނަފްސާނީ މައްސަލައެއް އުޅޭނީބާއޭ ހިތަށް އަރާ: ޔާމީން

ފުއްގިރި މައްސަލާގައި ދައުލަތުން އަމަލު ކުރާގޮތުން އެމަނިކުފާނުގެ ނަފުސާނީ މައްސަލައެއް އުޅޭ ކަމަށް ހީވާ ވަރަށް ކަންކަން ގޮސްފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ވަނީ ފުއްގިރި މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާ މެދު ކްރިމިނަލް ކޯޓުން ނިންމި ނިންމުމާ މެދު ހިތްހަމަނުޖެހިގެން ޔާމީންގެ ފަރާތުން ހުށަހެޅި މައްސަލަ ކުރިއަށް ގެންގޮސްފަ އެވެ.

ޔާމީންގެ ފަރާތުން ވަނީ ފުއްގިރި މައްސަލައިގެ ހެކިބަސް ނެގުމަށް ބާއްވާ އަޑުއެހުން މާދަމާއަށް ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލުކޮށްފައިވާކަން ފާހަގަކޮށްފަ އެވެ. އެހެންކަމުން އިސްތިއުނާފު މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން ކްރިމިނަލް ކޯޓުގެ އަޑުއެހުންތައް މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވެ އެވެ.

އެ މައްސަލައިގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ގާނޫނީ ވަކީލުންނަކީ ހަމައެކަނި މި މައްސަލައަށް ހާއްސަ ވެފައި، މި މައްސަލަ އެކަނި ބަލަހައްޓާ ބައެއް ނޫން ކަމަށެވެ. އަދި އަވަސް އަވަހަށް ކޯޓުގައި މައްސަލަތައް ކުރިއަށް ގެންދާތީ ހައްގުތަކެއް ގެއްލިގެންދާ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ހަމަ ތެދު ތެދަށް ދަންނަވާކަމަށް ވަންޏާ މިހާރު މި މައްސަލަތަކުގައި ދައުލަތުން މި އަމަލުކުރާ ގޮތުން ހަމަ ހަގީގަތުގައިވެސް އަޅުގަނޑު ހިތައް އަރާ އަޅުގަނޑުގެ ހަމަ ނަފްސާނީ މައްސަލައެއް އުޅެނީ ބާއޭ. އަޅުގަނޑަށް ކޯޕް ނުކުރެވޭވަރަށް މިހާރު މިކަންކަން މިދަނީ." ޔާމީން ވިދާޅުވި އެވެ.

"ހެކި ނަންގަވަން އެއްދުވަހަށް އެ ޝެޑިއުލް ކުރައްވަނީ ހަތަރު މީހުން، އަޅުގަނޑަކަށް ލޯޔަރުންނަކާ ބައްދަލުކޮށް އެ ހެތްކާ ބެހޭގޮތުން އަޅުގަނޑުމެން މުތޯލިއާ ކުރާކަށް ވަގުތެއް ނުލިބޭ."

ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ގައިދީއެއް ކަމަށާއި އެމަނިކުފާނަށް ވަކީލުންނާ އެކު މައްސަލަތައް ކުރިއަށް ގެންދަން ވަގުތު ވެސް ނުލިބޭ ކަމަށެވެ.

އަޅުގަނޑަކަށް ކޯޕެއް ނުކުރެވޭ އިއްޒަތްތެރި ފަނޑިޔާރު. ހަމަ ތެދަށް މި ދަންނަވަނީ، އަޅުގަނޑަކަށް ކޯޕެއް ނުކުރެވޭ. އެހެންވީމަ ދައުލަތަށް ގެއްލޭނެ މަސްލަހަތެއް އޮތް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަދި ދައުލަތުގެ އަސާސީ ހައްގެއްވެސް ނުގެއްލޭ." 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން މިއަދު ވަނީ ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައި އެ ކޯޓުން ގޮތެއް ނިންމަންދެން ފުއްގިރި މައްސަލައިގައި ކްރިމިނަލް ކޯޓުގެ އަޑުއެހުންތައް މަޑުޖައްސާލުމަށް ވަގުތީ އަމުރެއް ނެރެފަ އެވެ.