Last Updated: July 27, 10:35
Saturday, July 27, 2024
ޚަބަރު

ދާއޫދަށް މެޑަލް ދިނުން މައްސަލަކަށް!

ފުލުހުންގެ ވަޒީފާ އިން ވަކި ކުރަން ޕޮލިސް ބޯޑުން ލަފާ ދީފައިވާ ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދަށް ރައީސް ޝަރަފުގެ މެޑަލް ދެއްވި މައްސަލައެއް އެ ބޯޑުން ބަލަން ފަށައިފި އެވެ.

ދާއޫދަށް ރައީސް ޝަރަފުގެ މެޑަލް ދެއްވީ ފުލުހުންގެ ހިދުމަތަށް 90 އަހަރު ފުރުން ފާހަގަކުރަން މިދިޔަ މަހުގެ 29 ބޭއްވި ހަފުލާގަ އެވެ.

ޕޮލިސް ބޯޑުން ބުނީ ވަޒީފާ އިން ވަކި ކުރަން ލަފާ ދީފައިވާ ފުލުހަކަށް ރައީސްގެ ޝަރަފުގެ މެޑަލް ދޭން ޖެހުނީ ކީއްވެތޯ ބަލަމުން އަންނަ ކަމަށެވެ. އަދި އެ މެޑެލް ދާއޫދަށް ދޭން ނިންމީ ކޮން ގޮތަކަށް ބަލާފައިތޯ ހޯދަން ޕޮލިސް ކޮމިޝަނަރަށް މުހައްމަދު ހަމީދަށް ވަނީ ދަންނަވައިފަ އެވެ.

ދާއޫދު ހިމެނޭ ގޮތަށް ފުލުހުންގެ ވަޒީފާ އިން ހަތް އޮފިސަރަކު ވަކި ކުރަން ޕޮލިސް ބޯޑުން ލަފާ ދީފައި ވަނީ އޮގަސްޓު 9، 2021 ގަ އެވެ. އޭގެ ތެރޭގައި ދެން ހިމެނެނީ އެސިސްޓަންޓް ކޮމިޝަނާ އަހުމަދު މުހައްމަދާއި އެސިސްޓަންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް އާއި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު އަދި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމެވެ.

އެ އޮފިސަރުން ވަކި ކުރުުމުގެ މައްސަލަ އޮތީ ކޯޓުގަ އެވެ.