Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ތިނަދޫގައި ކީމޯތެރަޕީ ފަރުވާ ދޭން ފަށައިފި

ގދ. ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ކީމޯތެރަޕީ ފަރުވާ ދޭން ފަށައިފިއެވެ.

ކެންސަރު ބަލީގެ މީހުންނަށް ދޭ އެ ފަރުވާ އެ ހޮސްޕިޓަލްގައި ދޭން ފެށީ އިއްޔެ އެވެ. އެގޮތުން ހިދުމަތް އެ ހޮސްޕިޓަލްގައި ހިދުމަތް އިފުތިތާހްކޮށް ދެއްވީ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ އަބްދުލް އަޒީޒް އެވެ. އޭނަ ވިދާޅުވީ ކީމޯތެރަޕީގެ ހިދުމަތް އެ ދޭން ފެށުމަކީ، ތިނަދޫ ހޮސްޕިޓަލްގެ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް، ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއަށް އިތުރު ކުރެވުނު ވަރަށް މުހިއްމު ބޮޅެއް ކަަމަށެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ އެތަނުން ކީމޯތެޕަރީގެ ފަރުވާ ދޭން ފެށުމުން ހުވަދު އަތޮޅުގައި އެ ފަރުވާ ހޯދާ މީހުންނަށް ވަރަށް ބޮޑު ލުޔަކާއި ފަސޭހައެއް ލިބިގެން ދާނެ ކަމަށެވެ.

ތިނަދޫ ހޮސްޕިޓަލްގައި އެ ހިދުމަތް ފެށީ ހުޅުމާލެ ހޮސްޕިޓަލްގެ އެހީތެރިކަމާ އެކީގަ އެވެ. އެކުގައެވެ. އެގޮތުން ތިނަދޫ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުން ކެންސަރު ބައްޔަށް ފަރުވާދިނުމަށް ތަމްރީނު ކުރުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ.

ކެންސަރަކީ ރާއްޖޭގައި މިހާރު އެންމެ އާންމު އެއް ބައްޔެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މި ބަލީގެ ޝިކާރައަކަށްވާ މީހުން އިތުރުވަމުންދާކަން ފާހަގަކުރެވޭ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެ އެވެ. އެހެންވެ ބަލިން ރައްކާތެރިކަން ހޯދަން ދިރިއުޅުމުގެ ވައްޓަފާޅި އަށް ހެޔޮ ބަދަލުތަކެއް ގެނުވައިދޭން މިނިސްޓްރީން އަންނަނީ ތަފާތު ޕްރޮގްރާމްތައް ވެސް ހިންގަމުންނެވެ.