Last Updated: May 4, 23:07
Saturday, May 4, 2024
ޚަބަރު

ނުކުޅެދުންތެރިންގެ އިނާޔަތް އަންނަ މަހު ބޮޑު ކުރަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދެމުން އަންނަ އިނާޔަތް އަންނަ މަހުން ފެށިގެން ބޮޑު ކުރާނެކަަމަށް ސަރުކާރުން ބުނެފިއެވެ.

ރަައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މިހާރު ދެމުން އަންނަ އެލެވެންސް އަންނަ މަހުން ފެށިގެން ބޮޑު ކުރުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ބޮޑު ކުރަނީ ކިހާ ވަރަކަށް ކަމަށް މިއުވާން ވިދާޅުނުވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިހާރު ސަރުކާރުން ދެމުން އަންނަނީ 2000 ރުފިޔާއެވެ. އެ އަދަދު 5000 ރުފިޔާއަށް ބޮޑުކޮށްދިނުމަށް ބްލައިންޑު އެސޯސިއޭޝަނުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ހުށަހަޅުއްވާފައެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އެލެވެންސް ބޮޑުކޮށްދެއްވާނެ ކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރަައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދި ފަހުން ވަނީ ޓީޗަރުންނާއި ސިއްހީ ދާއިރާގެ ފެރާތްތަކުގެ މުސާރަ ބޮޑުކޮށްދެއްވާފައެވެ.